އީދުގެ އެންމެ މަތިވެރި މަގްސަދަކީ އެކަކު އަނެކަކަށް މައާފްކޮށް، ހިތްހެޔޮކުރުން ކަމަށް ވިދާޅުވެ، ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުރިހާ ދިވެހިންނަށް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

މާދަމާ ފާހަގަކުރާ އަޟްހާ އީދުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ ހިތޯބެއްގައި ރައީސް ވިދާޅުވީ އީދުގެ މުނާސަބަތުން ދެނީ، ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމުގެ މުހިންމު މެސެޖެއް ކަމަށެވެ. ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަހުމަތްތެރިކަމާއި އޯގާތެރިކަމާ އެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަކީ ވެސް އީދުގެ މަގްސަދެއްކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމި ހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މައިންބަފައިންނާ ބައްދަލުކޮށް، އިހްތިރާމާއި އޯގާތެރިކަމާ އެކު އީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުރުމަށާއި އަނބިދަރިންނަށް ހަދިޔާ ދީ، ލޯތްބާއި ކުލުނާ އެކު އީދުގެ އުފާ ފާޅުކޮށް ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަހުމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާ އެކު އީދުގެ ތަހުނިޔާ ބަދަލުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މީގެއިތުރުން އުފާވެރި ހިނިތުންވުމަކާ އެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމައުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށާއި ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ، ފޯރުންތެރިކަމުގެ އަހުލުވެރިން އިސް ނަގައި ނިކަމެތިންނަށް އެހީތެރިވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"ހައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް ރަމްޒުކޮށްދެނީ، އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީ، ހެޔޮ ފޯރުވައި އުޅުމުގެ މުހިންމު ކަމެވެ. ހައްޖުގެ އަޅުކަމުން ލިބިދޭ އެންމެ މަތިވެރި އިބްރަތަކީ، އެންމެހާ އިންސާނުންގެ ހަމަހަމަކަމާއި އިންސާނީ ކަރާމާތްތެރިކަމުގެ އަގު މާތް ކަމެވެ،" ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓެވުން އެދި ރައީސްގެ ހިތޯބު ނިންމަވާލައްވަމުން ދުއާ ކުރެއްވި އެވެ.

އަދި އެންމެހާ ދިވެހިންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބާއި ކުރިއެރުން މިންވަރު ކުރެއްވުމަށް އެދި ވެސް ދުވާކުރެއްވި އެވެ.