ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދިޔަ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އަދިވެސް ފަރުވާދެނީ އައިސީޔޫގައިކަން އެނގިއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެކްސިޑެންޓުގައި އަނިޔާވީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާ އަލީ ހަފީޒެވެ.

އޭނާ އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުކޮށްގެން ފައިބައިގެން ދަނިކޮށެވެ.

މަޖީދީ މަގު ކަފިހި ހުރަހުން ހުރަސްކުރަނިކޮށް ބާރަށް ދުއްވައިފައި އައި ސައިކަލެއްގައި ޖެހިފައި ހަފީޒް ވިއްސައިގެން ދިޔައީ އެވެ.

އުމުރުން 50 އަހަރުގެ ހަފީޒްގެ ބޮލަށާއި މޫނަށް ވަނީ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސްކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ އެ ސައިކަލް ދުއްވީ ލައިސެންސް ނެތް 22 އަހަރުގެ ޒުވާނަކު ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.