ހައްޖަށްދިޔަ ދިވެއްސަކު ގެއްލުނުތާ ހަތަރު ދުވަސްވީ އިރުވެސް އަދިވެސް ނުފެންނަ ކަމަށް އެ މީހާގެ އާއިލާއިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އަލް ހަރަމައިން ޖަމާއަތުގެ ހަވާލުގައި ހައްޖަށްދިޔަ ރ. މާކުރަތު އުމުރުން 71 އަހަރުގެ މުހައްމަދު ނަސީމް އަލީއެވެ.

ގެއްލުނީ މި މަހުގެ އަށް ވަނަ ދުވަހު މިނާއިން އަރަފާތަށް ދިޔުމުގެ ކުރިންނެވެ. ނަސީމްގެ އާއިލާ އިން ބުނީ ބެލެވޭގޮތުގައި އޭނާ ގެއްލުނީ މިހާރު އުމުރުން ދުވަސްވެފައިވުމުން ހަނދާނުގެ މައްސަލަ ޖެހޭތީ ކަމަށެވެ.

ނަސީމް ވަނީ މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ހަރަމައިން ޖަމާއަތުންނާއި މައްކާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނުން އަންނަނީ ކުރަމުންނެވެ.