ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢީދަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފްކުރައްވައިފި އެވެ.

ދާދިފަހުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢީދު މުހައްމަދު ވަނީ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި އދގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢީދު މުހައްމަދު، ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރެއްވި އެވެ. އަދި ނެޓްޒީރޯއަށް ވާސިލްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު، ސަޢީދު ވަނީ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވާފަ އެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކަ އާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފްކުރައްވައި، އެސްޑީޖީތައް ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާއިވެސް ވޮޝިންޓަންގައި ބައްދަލުކުރައްވާފައެވެ.