އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީއަށް މިވަނީ މިމަހުގެ 11 ވަނަ ދުވަހު އަންހެން ކުއްޖަކު ލިބިފަ އެވެ.

އަނުޝްކާ ވިހާފައި ވަނީ މުމްބާއީގައި ހުންނަ ބްރީޗް ކޭންޑީ ހޮސްޕިޓަލުގަ އެވެ.

ދަރިފުޅު ވިހެއި އުފާވެރި ހަބަރާއެކު ވިރާޓް ހިއްސާކުރި މެސެޖްގައި ވަނީ އެ އާއިލާގެ ޕްރައިވެސީއަށް އިހުތިރާމު ކުރަން އެންމެންގެ ކިބައިން އެދިފަ އެވެ.

ވިރާޓް އާއި އަނުޝްކާއަކީ އިންޑިއާގެ އެންމެ ބޮޑު ސެލެބްރިޓީ ޖޯޑްކަމާ މެދު ޝައެއްކެއް ނެތް އިރު އެ ދެމަފިރިންގެ ދަރިފުޅު ދެކިލުމަށް އެދި އެންމެން ވެސް ތިބީ ކެތްމަދުވެފަ އެވެ. އަނުޝްކާ ބަނޑުބޮޑުކަން ހާމަކުރި ޓުވީޓަކީ 2020 ވަނަ އަހަރު އެންމެ ގިނަ ލައިކް ލިބުނު ޓުވީޓު ވެސް މެ އެވެ.

މިއާއެކު އެ ދެމަފިރިންގެ ޕްރައިވެސީ ހިފެހެއްޓުމަށްޓަކައި މިހާރު މިވަނީ އެ ހޮސްޕިޓަލުގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ. އެގޮތުން އާއިލާ މީހުންނަށް ވެސް ހޮސްޕިޓަލަށް އައުން މަނާކޮށްފައިވާ އިރު އެއްވެސް މީހަކު ހޮސްޕިޓަލަށް ފޮނުވާ ހަދިޔާ ވެސް ބަލައިނުގަތުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އަނުޝްކާ ބާއްވާފައި ކޮޓަރީގެ ކައިރި ކޮޓަރިތަކުގައި ތިބި ބަލި މީހުންނަށާއި އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެސް އެ ކޮޓަރި ނުފެންނަ ގޮތް ވަނީ ހަދާފަ އެވެ.

ހޮސްޕިޓަލުން ވެސް ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ ތެރެއިން އަނުޝްކާއާއި ދަރިފުޅުގެ ކަންތައް ބަލަހައްޓާ ނަރުހުންނާއި ޑޮކްޓަރުން އެ ކޮޓަރިއަށް ވަދެ ފޮޓޯ ނުނެގުމަށް އިލްތިމާސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި ހޮސްޕިޓަލުން ދޫކޮށްލުމުން އަނުޝްކާ މެން ގެއަށްދާން ނުކުންނާނީ ހޮސްޕިޓަލްގެ ފަހަތު ދޮރުންނެވެ.

މިހާރުއްސުރެ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ތިބީ އެ ހޮސްޕިޓަލްގެ ބޭރުގައި މަޑުކޮށްފައިގެންނެވެ.