ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، ހަތް މީހަކު 198،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އީޕީއޭ އިން ބުނެފައި ވަނީ އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މިިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ވެލާ ފެޅުމުގައި ބައިވެރިވި އެ އަތޮޅު ކެންދޫގެ ހަތް މީހުން ކުރެ ކޮންމެ މީހަކު 198،000 ޖޫރިމަނާ ކުރުމުން މުޅި ޖުމްލަ 1،386،000 ރުފިޔާގެ ޖޫރިމަނާއެއް އެ އެންމެން ދައްކަންޖެހެ އެވެ.

ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން ފުލުހުން އެ ރަށަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެ ގްރޫޕުން ހަ ވެލާ ފަޅާލި އެވެ. ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ.