މަސްވެރިކަމުގެ ދާއިރާ ޕްރައިވެޓައިޒްކުރުމާ އެމަނިކުފާނު ދެކޮޅުކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފި އެވެ.
ހއ. އިހަވަންދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓާއަށް އެއްކޮށް ދޫކޮށްލައިގެން މަސްވެރިކަމުގެ ދާއިރާ ކުރިއަށްގެންދިޔުމަކީ އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ މިފްކޯ އަށް މިހާރަށް ވުރެ ބޮޑަށް އިންވެސްޓު ކުރުން ކަމަށެވެ. އެގޮތުން ފަސޭހައިން މަސް ކިރޭނެ ގޮތް ހަދައި ކިރޭ މަސް ރަނގަޅަށް ފްރީޒް ކޮށް ސްޓޯ ކުރެވި ރަނގަޅު އަގުގައި ބޭރަށް ވިއްކޭނެ ގޮތް ހެދުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅު ކަމަށް ރައީސް ވިދާޅުވި އެވެ.
އައްޑޫ ސިޓީ އާއި ކޫއްޑޫގެ މަސް ކާރުހާނާ ދެގުނަ ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ގދ. ތިނަދޫގައި ވެސް މަސްވެރިކަމުގެ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ހަމައެހެންމެ ފެލިވަރުގައި އާ ފެކްޓަރީއެއް ހަދަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިހަވަންދޫގައި މަސް ގަންނަ ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އެމްޓީސީސީ އާ ހަވާލު ކުރާނެ ކަމަށާއި އެ ބަނދަރު ހަދާ އިރު ބޯޓު ފަހަރަށް ބޭނުންވާ ސާމާނު ވިއްކާ އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ވެސް ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ސެންޓަރުގައި 50 ޓަނު ބްރައިން ފްރީޒް ކުރެވޭ 1000 ޓަނު ކޯލްޑް ސްޓޯރޭޖް ހުންނާނެ. މި ރަށުގެ މަސްވެރިން މި ބޭނުންވާ ހިދުމަތް ލިބިގެން ދާނެ. ބޮޑެތި ދޯނި އެހެލެވޭނެ ގޮތަށް އިންޖީނަށް ބޭނުންވާ ސްޕެއާ އާއި އަޑީ ތެޔޮ ލިބޭ ގޮތަށް ސޭލްސް ސެންޓަރު ގާއިމް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.