ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންގެ ބޭކަލަކަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅޭނެ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންނާއި ސިފައިންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތް ބަލައިނުގަނެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ނަމަވެސް ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުން އިއްޔެ ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރި އިހުތިޖާޖު ކަވަރުކުރަން މަސައްކަތް ކުރި ބައެއް ނޫސްވެރީންނަށް ފުލުހުން އަމަލު ކުރި ގޮތުން އަނިޔާވެ އެކަމާއި ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފުލުސް އޮފިސަރަކު ވަނީ ހަރުކަށިކަން ދައްކާ ނޫސްވެރީން ފަހަތަށް ޖައްސަން ނޫސްވެރިއެއްގެ ގައިގައި އަޅާ ކޮއްޕާލާފަ އެވެ. އެއާއެކު ތިން ނޫސްވެރިއަކު ބިންމައްޗަށް ވެއްޓި އަނިޔާވި އެވެ.

އެ ފުލުސް މީހާ ސަސްޕެންޑްކޮށް އޭނަގެ މައްސަލަ ބަލަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަންގަވާފަ އެވެ.