ކުރިއަށް އޮތް ރޯދަ މަހުގެ އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ ފަރާތްތަކަށް، އައްޑޫ ސިޓީ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތަކެއް ފެށުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެ އަންނަން ނުޖެހި، ފަސޭހަކަމާއެކު އުމްރާއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން މި ފްލައިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ ފަހު 15 އަށް ހާއްސަކޮށްގެން، ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ހައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ރޯދަ މަހުގެ ފަހު ފަނަރަ އުމްރާ ޕެކޭޖުގެ އަގަކީ 48,965 ރުފިޔާ އެވެ. އަދި މުޅި ރޯދަ މަހަށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް 54,965 ރުފިޔާގެ ޕެކޭޖެއް ވަނީ ހުޅުވާލާފަ އެވެ. މި ޕެކޭޖުތަކުގެ ޖާގަ ކަށަވަރުކުރުމަށް އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" ނުވަތަ ވެބްސައިޓް މެދުވެރިކޮށް މިހާރު އެދެވެވޭނެ އެވެ.

ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ ހިދުމަތާއި، ހައިސްޕީޑް ރޭލާއި ބަގީގެ ހިދުމަތުގެ އިތުރުން މީރު ދިވެހި ކެއުމާއި ލޮކޭޝަން ޓްރެކިން ޑިވައިސް ފަދަ ގިނަ ލުއިފަސޭހަތަކެއް މި ޕެކޭޖުތަކުގައި ހިމެނެ އެވެ. އަދި ގައުމީ އެއާލައިނުން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން ލިބުނު މި ފުރުސަތާއެކު، ކުރިއަށް އޮތް ތަނުގައި ޖުލައި މަހާއި ޑިސެމްބަރު މަހުގެ އިތުރުން ރޯދަ މަހު އައްޑޫން ސީދާ ޖިއްދާއަށް ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.