ރިތިކް ރޯޝަންއަކީ މިހާރު ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ގުނާލެވޭ ތަރިއެކެވެ. 2000 ވަނަ އަހަރު "ކަހޯނާ ޕްޔާރު ހޭ"އިން ބޮލީވުޑަށް ނުކުތުމަށްފަހު މިއަދާ ހަމައަށް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
އެހެން ނަމަވެސް ރިތިކް ވަނީ އޭނާގެ އެންމެ ފުރަަތަމަ ފިލްމަށްފަހު ބޮލީވުޑް ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅުނު ކަމަށް މީގެ ކުރިން ބުނެފަ އެވެ.
ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސްކުރި "ކަހޯނާ ޕްޔާރު ހޭ" ބޮކްސްއޮފީހުގައި ހިޓަކަށްވެ އެ ފިލްމުގެ ސަބަބުން އެ އާއިލާގެ ފެންވަރާއި އާމްދަނީ އެތައް ގުނައެއް އިތުރުވި އެވެ.
ނަތީޖާއަކަށްވީ މުމްބާއީގެ ކުށްގިނަ އަންޑަވޯލްޑްގެ ލޮލުގައި އެ އާއިލާ އަޅައިގަތުމެވެ. އެގޮތުން ފިލްމު ނުކުތްތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކާކުކަން ފާހަގަވެފައިނުވާ ދެ މީހަކު ވަނީ ރާކޭޝްގެ ގަޔަށް ބަޑި ޖަހައި ޒަހަމް ކޮށްލާފަ އެވެ.
އެ ދެމީހުންގެ އަސްލު މަގްސަދު ހާމަވެފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެއީ ފައިސާގެ ދަހިވެތިކަމުގައި މުމްބާއީގެ އަންޑަވޯލްޑުން ރޭވި ހަމަލާ އެކެވެ.
ދެ ވަޒަނުގެ ތެރެއިން އެއްވަޒަން ރާކޭޝްގެ މެއަށް އަމާޒުވިއިރު ދެވަނަ ވަޒަން ދިޔައީ އޭނާގެ މުލައްދަނޑި ކައިރިންނެވެ. ހަމަލާއަށްފަހު ރާކޭޝް ހޮސްޕިޓަލަަށް ގެންދެވި ކުރެވުނު އޮޕަރޭޝަނާއެކު އޭނާއަށް ހަމަލާއިން އަރައިގަނެވުނެވެ.
ބައްޕައަށް އަމާޒުވި ކުއްލި ހަމަލާއާއެކު އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމުގެ ފަހަތުގައި ވަނީ ބޮލީވުޑް ކަމަށް ނިންމައި ރިތިކް ބޮލީވުޑް ދޫކޮށްލަން ގަސްދުކުރި އެވެ.
އެހެން ނަމަވެސް ހޮސްޕިޓަލު ތެރެއިން ވެސް އޭނާއަށް އާއްމުންގެ ފަރާތުން ލިބުނު ލޯބި ފެނި އެ ހިޔާލު ދޫކޮށްލީ ކަމަށް ރިތިކް ބުނެފައިވެ އެވެ.
ރިތިކްގެ މިހާރުގެ ބޮލީވުޑް މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ސިދްހާތު އަނަންދު ޑައިރެކްޓްކުރާ "ފައިޓާ" އިންނެވެ.