އަންނަ މަހު ފަށާ ދިރާސީ އާ އަހަރާ އެކު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވާނީ، ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މީގެ ނުވަ އަހަރު ކުރިން އަރަބިއްޔާ ސްކޫލުން ބޭނުން ކުރަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެތަނުގައި ކިޔަވައިދިނުން ހުއްޓާލުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގެ ވަގުތީ އިމާރާތަކަށް ސަރުކާރުން ހަމަޖައްސައިދިނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ސޯމިލް އިމާރާތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ މަހު ފަށާ ދިރާސީ އާ އަހަރާއެކު އަރަބިއްޔާ ސްކޫލުގެ އާ އިމާރަތުގެ މަސައްކަތް ނިމިފައިނުވާތީ އެސްކޫލުގެ ދަރިވަރުން ކިޔަވާނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައި ކަމަށެވެ.

ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތް މަރާމާތުކޮށް، ކުލަ ލައި ރީތި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ސަރުކާރުން ނިންމާފައިވާ ގޮތުން ދަރުމަވަންތަ ސްކޫލްގެ ކުދިން ދިރާސީ އާ އަހަރުގައި ކިޔަވަން ފަށާނީ އެ ސްކޫލްގެ އާ އިމާރާތުގަ އެވެ. ވިލާ ކޮލެޖް ކައިރީގައި ހަދާފައިވާ އެ އިމާރާތުގައި މިހާރު ކުރަނީ ފިނިޝިން މަސައްކަތެވެ.

އަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތް ހަދަން ހަމަޖައްސާފައި ވަނީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ އިމާރާތް މިހާރު ތަޅާލައިފައިވާ ނަމަވެސް އިތުރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ އަންނަ އަހަރުގެ ދިރާސީ އާ އަހަރު ހުޅުވޭނެ ކަމަށެވެ

ނަމަވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކުރާތީ އެ ތަން ނިމޭނެތޯ އަރަބިއްޔާގެ ބެލެނިވެރިން އަންނަނީ ސުވާލު ކުރަމުންނެވެ.