ފުވައްމުލަކުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ފުވައްމުލަކު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން 2019 ވަނަ އަހަރު ފެށިއިރު، މި ފިޔަވަހީގެ ދަށުން 34 މަގުގެ މަސައްކަތް މިހާރު ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

ފުވައްމުލަކު މަގުތައް ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 34 މަގެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ޖުމްލަ 18.2 ކިލޯ މީޓަރެވެ މި މަޝްރޫއުގެ 89 ޕަސެންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މި މަސައްކަތުގެ ދަށުން 20.6 ކިލޯމީޓަރުގެ ފުވައްމުލައް ރިންގް ރޯޑުގެ މަސައްކަތް ވެސް ވަނީ ނިމިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި މަގުތައް ހެދުމުގެ އިތުރުން މި ފިޔަވަހީގެ ދަށުން ފެންހިންދާ ނިޒާމެއް ގާއިމްކުރާނެ އެވެ. އަދި 650 ކޭބަލް ޖަންކްޝަން ބޮކްސްއެއް ވަޅުލުމާއ،ި 13,964 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން 71,164 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދުގައި ތާރު އެޅުމާއ،ި 633 މަގުބައްތި ހަރުކުރުމަށް ވަނީ ނިންމާފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއަށް ޖުމްލަ 236.30 މިލިއަން ރުފިޔާ ހަރަދުވާއިރު، މަސައްކަތް ނިންމަން ޖެހެނީ 730 ދުވަހުގެ ތެރޭގަ އެވެ.