މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގައި އޮންނަ މިނިވަން އުފާ ކާނިވަލް ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.
މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އޮންނަ އެ ކާނިވަލުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ އެވެ.
އެގޮތުން މި ކާނިވަލުގެ ތެރެއިން ޗަރުކޭހުގެ ކުޅިވަރުތަކާއި ކެއިންބުއިމުގެ އިތުރުން ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ވެސް ފެނިގެންދާނެ އެވެ.
މީގެ އިތުރުން ރޭ މާލޭގެ މަގުތަކުގައި ދުއްވި ފުޅަނދުތައް ވެސް އެ ކާނިވަލުގެ ތެރެއިން ފެންނައިރު އެ ފުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް އާއްމުންނަށް ލިބިގެންދާނެ އެވެ.
މި ކާނިވަލް ރާވާފައިވަނީ ކުޑަކުދިން ގަޔާވާނެހެން އެކި ކަހަލަ ކުޅިވަރުތަކާއި ހަރަކާތްތައް ހިމަނައިގެން ކަމަށް ކާނިވާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.
މި ކާނިވަލަށް މުޅިން ހިލޭ ވަދެވޭއިރު ކާނިވަލުގައި ހިންގާ އެކި ހަރަކާތްތަކުގައި ބައިވެރި ވެގެން ތަފާތު އިނާމުތައް ހޯދުމުގެ ވެސް އޮންނާނެ އެވެ.
މިއަދުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކާނިވަލް ކުރިއަށް ދާއިރު ހަވީރާއި ރޭގަނޑު ކާނިވާ ހުޅުވިފައި ހުންނާނެ އެވެ.