އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ ބަޓާ ޗިކަންއާއި ނާންއަކީ ވަރަށް މީރު ކެއުމެއް ކަމަށް ބީޓީއެސްގެ ޖަންކޫކް ބުނުމުން އެ ކެއުމަށް އޮތް ޑިމާންޑް އިތުރުވެއްޖެ އެވެ.
ޖަންކޫކް މިހެން ބުނެފައިވަނީ އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ލައިވްއެއްގެ ތެރެއިން ދުވަހަކު ވެސް އިންޑިއާގެ ކެއުމެއް ކެއިންތޯ މީހަކު ސުވާލު ކުރުމުންނެވެ.
އެ ސުވާލުގެ ޖަވާބުގައި ޖަންކޫކް ބުނީ އޭނާއަކީ އިންޑިއާގެ ކެއުންތަކަށް ވަރަށް ލޯބިކުރާ ފަރާތެއް ކަމަށާއި ބަޓާ ޗިކަންގެ އިތުރުން ޗިކަން މަކްނީއަކީ ވެސް ވަރަށް ކަމުދާ ކެއުމެއް ކަމަށެވެ.
އެއާއެކު އިންޑިއާގެ ގިނަ ރެސްޓޯރެންޓްތައް ފުރި ރެސްޓޯރެންޓުތަކުގެ ބޭރުގައި ވެސް މީހުން ކިއު ހަދައިގެން ބަޓާ ޗިކަން ކެއުމުގެ އިންތިޒާރުގައި ތިއްބެވެ.
ބަޓާ ޗިކަންއަށް އިންޑިއާގެ ބާޒާރުގައި ޑިމާންޑް އިތުރުވެފައިވާ މި ދަނޑިވަޅުގައި ރެސްޓޯރެންޓްތަކުން ވެސް ވަނީ ފައިދާ އިތުރު ކުރަން އެ ކެއުމުގެ އަގު ވެސް މަތިކޮށްފަ އެވެ.
ބީޓީއެސްގެ މަގްބޫލުކަން އިންޑިއާގައި ބޮޑުތަނުން އިތުރުވެފައިވާއިރު އިންޑިއާގައި އެ ބޭންޑުގެ ކޮންސެޓެއް ބާއްވާނެ ދުވަހަކަށް ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.