ޖޮހޯރު ބަހުރު (17 ޖެނުއަރީ) - މެލޭޝިއާގެ ޖޮހޯރު ސްޓޭޓްގެ ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 49.8 މިލިއަން އެމެރިކާ ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ޖޮހޯރު ޕޮލިސް ޗީފް އަޔޫބް ހާން މައިދިން ޕިޗޭ ވިދާޅުވީ މަސްތުވާތި އެތެރެކޮށް، ވިޔަފާރިކޮށް އަދި ޑިސްޓްރިބިއުޓްކުރާކަމުގެ މައުލޫމާތު ލިބިގެން، އެ އިދާރާގެ ނާކޮޓިކްސް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (އެންސީއައިޑީ) އިން އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި ޖޮހޯރު ބަހުރުން 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ޑްރަގް ޕެކްކޮށް ޕްރޮސެސް ކުރާ ދެ ލެބޯޓަރީއަކާއި ދެ ގުދަން ފެނިފައިވާ ކަމަށެވެ. އަދި އެ ގުދަނުން 125.8 މިލިއަން މެލޭޝިއަން ރިންގިޓްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތަހުގީގުން މަސްތުވާތަކެތި ރައްކާކުރުމަށް ބޭނުންކުރާ ފެކްޓްރީއަކާއި ކުށްޔަށް ހިފާފައިވާ ދެގެ ފެނިފައިވެ އެވެ. އެތަންތަނުން 3.2 ޓަނުގެ އެކްސްޓެސީ ޕައުޑާ، 26.1 ކިލޯ ލިކުއިޑް އެކްސްޓަސީ އަދި 117 ކިލޯގެ އެރިމިން 5 ޕައުޑާ ފެނިފައިވާ ކަމަށް ޕޮލިސް ޗީފް ވިދާޅުވި އެވެ. މީގެ އިތުރުން ހައްޔަރުކުރި މީހުންގެ އަތުން ހަތަރު ލަގްޒަރީ ކާރާއި، ފަސް މިލިއަން މެލޭޝިއަން ރިންގެޓް ނަގުދު ފައިސާ، ބޭރު ގައުމުތަކުގެ ރުފިޔާގެ 231،961 މެލޭޝިއަން ރިންގިޓް، 124،435 މެލޭޝިއަން ރިންގިޓްގެ އަގުހުރި 30 ވައްތަރުގެ ގަހަނާ، ތިން ރޮލެކްސް ގަޑި އަދި އެ މީހުންނާ ގުޅުންހުރި 62 ބޭންކް އެކައުންޓްގައި ހުރި 1.23 މިލިއަން މެލޭޝިއަން ރިންގިޓް ފެނިފައިވެ އެވެ.
ޖޮހޯރުގެ ޕޮލިސް ޗީފް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާ އެއްގައި ކުރާ އެ ގްރޫޕަކީ 2018 ވަނަ އަހަރުން ފެށިގެން އެކަމުގައި އުޅޭ ބައެއް ކަމަށެވެ. އަދި އެ މީހުން މަސްތތުވާތަކެތި ވިޔަފާރިކުރުމަށާއި މަސްތުވާތަކެތި ރައްކާކުރުމަށް ފެކްޓްރީތަކާއި އާންމުންގެ ގެތައް އަދި އެހެނިހެން އިމާރާތް ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ އަގު 341.79 މިލިއަން މެލޭޝިއަން ރިންގިޓަށް އަރަ އެވެ. ޕޮލިސް ޗީފް ވިދާޅުވީ ހައްޔަރުކުރީ އެ ގްރޫޕްގެ އެންމެން ނޫން ކަމަށާއި، އެ ގްރޫޕްގެ ބާކީ ތިބި އެންމެން ހައްޔަރުކުރުމަށް އިތުރު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއީ މެލޭޝިޔާގެ ތާރީހުގައި ވެސް އަތުލައިގަތް މަސްތުވާތަކެތީގެ އެންމެ ބޮޑު އަދަދުކަމަށް ފުލުހުން ބުންޏެވެ. – ޗެނެލް ނިއުސް އޭޝިއާ