މަޝްހޫރު ކޭޕޮޕް ބޭންޑެއް ކަމަށްވާ ބީޓީއެސްގެ މެމްބަރު މިން ޔޫންގި ނުވަތަ "ސުގާ" އޭނާގެ އަސްކަރީ ޚިދުމަތަށް ގުޅެން ތައްޔާރު ވަމުން އަންނަ ކަމަށް އެ ބޭންޑުގެ ކުންފުނި ބިގްހިޓް މިއުޒިކުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ސުގާ އަަސްކަރީ ހިދުމަތަށް ގުޅެން ކުރަން ޖެހޭ ކަންކަން ފަށާފައިވާ ކަަމަށާއި ވަރަށް އަވަހަށް އޭނާ އަސްކަރިއްޔާއާ ގުޅޭނެ ކަމަށެވެ.

ސުގާ އަސްކަރީ ހުދުމަތާ ގުޅޭކަން އިއުލާން ކޮށްފައި މިވަނީ ތަފާތު ގައުމުތަކެއްގައި ބޭއްވި އޭނާގެ ސޯލޯ ކޮންސެޓް ނިންމާލިތާ އެއް ދުވަސް ފަހުންނެވެ.

ސުގާގެ ކޮނޑަށް އަނިޔާއެއް ލިބި އެކަމުގެ ސަބަބުން ސާޖަރީއެއް ވެސް ކޮށްފައިވާތީ އަމަލީ ގޮތުުން އަސްކަރިއްޔާގައި ބައިވެރިނުވާނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް އެކަމުގެ ޔަގީންކަމެއް ލިބިފައެއް ނުވެ އެވެ.

ދެކުނު ކޮރެއާގައި ސިއްހަތު ސަލާމަތުން ތިބި ފިރިހެނުން އުމުރުން 28 އަހަރު ވުމުގެ ކުރިން މަދުވެގެން ދެ އަހަރު އެގައުމުގެ އަސްކަރިއްޔާއަށް ޚިދުމަތް ކޮށްދޭން ޖެހެ އެވެ.

މި ގަވާއިދުގެ ދަށުން ބީީޓީއެސްގެ އެންމެ އުމުރުން ދޮށީ މެމްބަރު ޖިން މިދިޔަ ޑިސެމްބަރު މަހު އަސްކަރިއްޔާއާ ގުޅިފައިވާއިރު އެހެން މެމްބަރެއް ކަމަށްވާ ޖޭހޯޕް ވެސް ވަނީ އޭޕްރިލް މަހު ޚިދުމަތް ފަށާފަ އެވެ.