އެމްޑަބްލިޔުއެސްސީއިން ށ. ފީވަކުގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފި އެވެ.

ފީވަކު ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޕްލޭނިން މިނިސްޓްރީ އާއި ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މި މަޝްރޫއުގެ ދަށުން، ފީވަކުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ. މީގެ އިތުރުން، ފެންރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް އަޅާފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.

ފީވަކުގެ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 49.60 މިލިއަން ދިވެހި ރުފިޔާ އެވެ.

މިމަޝްރޫޢުގެ ސަބަބުން ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.