އޭޕްރީލް 27، 1964 ވީ ހުކުރު ދުވަހު ދިވެހި ސަރުކާރުން ވަރަށް ޚާއްސަ އިއުލާނެއް ކުރެއްވި އެވެ. އޭރު ރާއްޖޭގައި ނެރެމުން ދިޔަ ނޫސްތަކުގައި ޝާއިއުކުރި އެ އިއުލާނުގައި ވަނީ ހުޅުލޭގައި މަތިންދާބޯޓު ޖައްސާނެ ތަނެއް ދިވެހި ސަރުކާރުގެ ފަރާތުން ހަދަން އުޅޭ ކަމަށެވެ. ހަމަ އެ އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަދިޔާކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ދިވެހި ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ.

ސަރުކާރުން ހުޅުލޭގައި މަތިންދާ ބޯޓު ޖައްސާނެ ތަނެއް ހެދުމަށް ނިންމިއިރު ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން އިނގިރޭސިން ހަދާފައި އޮތް އެއާޕޯޓެއް ހުޅުލޭގައި އޮތެވެ. އެއީ ދަގަނޑު ފިލާ އަތުރައިގެން ހަދާފައި އޮތް ކުޑަ ރަންވޭއެކެވެ. އެތަނަށް ޖައްސަނީ އާރުއޭއެފްގެ ކުދި މަތިންދާ ބޯޓެވެ. އެބޯޓުތައް ކުރާ ދަތުރުތަކަކީ އިނގިރޭސިންގެ އަމިއްލަ ބޭނުންތަކަށް ކުރާ ދަތުރެއް ކަމަށް ވިޔަސް އެއާޕޯޓު ހަދަން ހުއްދަ ދެވިފައި އޮތީ ސަރުކާރުން ބޭނުންވާ ފަރާތްތައް ދަތުރުކުރުމަށް އެ ބޯޓުތަކުން ޖާގަ ލިބުން ޝަރުތުކޮށްފަ އެވެ. އޭރު ދިވެހި ސަރުކާރުން ވަނީ މާލޭގައި ހިންގާ އަމީނިއްޔާ އާއި މަޖީދިއްޔާ ސްކޫލްގައި އިނގިރޭސި ތައުލީމު ދިނުމުގެ މަސައްކަތް ފަށައިފަ އެވެ.

އެ ސްކޫލުތަކުގައި ކިޔަވައި ދިނުމަށް ޓީޗަރުން ގެންނަނީ ސްރީ ލަންކާއިންނެވެ. އިނގިރޭސިންގެ މަތިންދާ ބޯޓުފަހަރުން ސަރުކާރުން އެންމެ ބޮޑަށް ބޭނުންވި ޖާގައަކީ އެ ޓީޗަރުން ލަންކާ އާއި މާލެއާ ދެމެދު ކުރަން ޖެހޭ ދަތުރު ފަތުރުތަކަށް ބޭނުންވި ޖާގަ އެވެ. އޭގެ އިތުރުން ސަރުކާރުގެ އިސް ވެރިން ބޭރަށް ކުރައްވަން ޖެހޭ ދަތުރުތަކަށް ވެސް ޖާގަ ހޯދަމުން ގެންދިޔަ އެވެ.

އިނގިރޭސިން ހުޅުލޭގައި އެއާޕޯޓެއް ހިންގަމުން ދިޔައިރު އައްޑޫގައި އެމީހުންގެ ވައިގެ މަރުކަޒެއް އޮތީ ގާއިމުވެފަ އެވެ. އެ މަރުކަޒު ކުއްޔަށް ދިނުމަށް ހިނގި މުއާމަލާތުގައި ދިމާވި މައްސަލަތަކާ ގުޅިގެން އައްޑޫގައި އުފެދުނު ވަކި ސަރުކާރުގެ މައްސަލަ އޭރު ދިޔައީ ހަމަޔަކަށް އެޅެމުންނެވެ.

ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދު އޮތީ އެއްބަސްވުމެއް ވެސް ވެފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މާލޭގައި އޮންނަ ސަރުކާރު ފިޔަވައި އެހެން ސަރުކާރެއް އިނގިރޭސިން ގަބޫލެއް ނުކުރާނެ އެވެ. އޭރު އިނގިރޭސިން ގެންދިޔައީ އަޑިއަޑިން ދިވެހި ސަރުކާރު ބަދަލުކުރުމަށް ރާވަމުންނެވެ. އެ ހުރިހާ ކަމެއް އެގޮތަށް އޮތް ކަމަށް ވިޔަސް ދިވެހި ސަރުކާރުން އޮތީ އިނގިރޭސިންނާ އެކު ވި އެއްބަސްވުމުގެ މާއްދާތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.

ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދުވެފައި އޮތް އެއްބަސްވުމުގެ މާއްދާތަކަށް ދިވެހި ސަރުކާރުން ފުރިހަމައަށް އަމަލުކުރަމުން ދަނިކޮށް ސަރުކާރަށް އެނގުނީ އިނގިރޭސިން އަފީފާއި އޭނާގެ އާއިލާ ސީޝެލްސްއަށް ގެންދިޔަކަމެވެ. އެއީ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ބަލައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައި ހުރި އެއްބަސްވުންތައް އުވާލައި ރާއްޖެއަށް ފުރިހަމަ މާނައިގައި މިނިވަންކަން ހޯއްދަވައި ދެއްވުމަށް އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު އަޒުމު ކަނޑައެޅުއްވި އެވެ.

ހުޅުލޭގައި ހުރި ދަނގަނޑު ފިލާ ތައް ނައްޓަނީ

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއަދަވައި ދެއްވުމަށް ނާސިރު ފެށްޓެވި މަސައްކަތުގައި އެންމެ ފުރަތަމަ ވެސް އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގެންނެވީ ރާއްޖެއާ ބޭރުގެ ދުނިޔެއާ ގުޅުވައިދޭ ވައިގެ ބަނަދަރެއް ދިވެހިންގެ ފުރިހަމަ ކޮންޓްރޯލް ހިނގާ ގޮތަށް އޮތުމެވެ. އެހެންކަމުން އޭރު އިނގިރޭސިން ދަގަނޑު ފިލައިން ހަދާފައި އޮތް ކުޑަ ރަންވޭގެ ބޭނުން އެމީހުންނަށް ނުކުރެވޭ ގޮތަށް ހެއްދެވި އެވެ. އެއީ ސަރުކާރުން އެއާޕޯޓު ހަދަން އުޅޭކަން އިއުލާން ކުރެއްވުމުގެ ކުރިންނެވެ. އޭރު ހުޅުލޭ އެއާޕޯޓު މައިގަނޑުގޮތެއްގައި ބޭނުންކުރަމުން އައީ ދޫނިދޫގައި ހުންނަވާ އިނގިރޭސި ސަފީރުގެ ފަރިއްކޮޅަށާއި އެނޫން ވެސް ބޭނުންތަކަށް ބޭނުންވާ ބާވަތްތައް ސިލޯނުން ރާއްޖެ ގެނައުމަށެވެ.

ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދު އައްޑޫ މައްސަލާގައި ވެފައި އޮތް އެއްބަސްވުމާ އިނގިރޭސިން ޚިލާފުވެއްޖެ ކަމަށް ދިވެހި ބޮޑު ވަޒީރު ނިންމެވުމާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރީ ހުޅުލޭގައި އޮތް ދަގަނޑު ފިލާގެ އެއާޕޯޓަށެވެ. އޭޕްރީލް 28، 1968 ވީ ހޯމަ ދުވަހުގެ އިރުއެރި އިރު އެއާޕޯޓުގެ ތަކެއްޗަށް އޮތީ ގެއްލުން ދީފަ އެވެ. އެކަން ކުރި ބަޔަކު ނޭނގެ އެވެ. ފަހުން ހުޅުލެ ސާފުކުރުމުގެ ނަމުގައި ރުއްތައް ކަނޑައި ރުއްގުޅިތައް ރަންވޭ މައްޗަށް އަޅާލި އެވެ.

ދޫނިދޫގައި ހުންނަވާ އިނގިރޭސި ސަފީރުގެ ފަރިއްކޮޅަށް ބޭނުންވާ ތަކެތި ގެނވޭނެ ގޮތެއް ނެތި އެންމެ ފަހުން ހެލިކޮޕްޓަރުގައި ގެނެސް ދޫނިދޫ މަތިން އޮއްސާލަން ޖެހުނެވެ. އެއާއެކު ދިވެހި އަންހެނުންގެ މުޒާހަރާކުރުން ފަދަ ކަންތަކާހެދި ހުންނެވެން ނެތިގެން ރާއްޖޭގައި ހުރި އިނގިރޭސި ސަފީރަށް ޖެހިވަޑައިގެންނެވީ ރާއްޖެ ދޫކުރައްވައި ފުރާ ވަޑައިގަންނަވާށެވެ.

ފުރަތަމަފްލައިޓުން ބޮޑު ވަޒީރު ނާސިރު ފައިބާ ވަޑައިގަންނަވަނީ

ރާއްޖޭގެ މިނިވަންކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމަށް ދެކެވަޑައިގެން ދިވެހިންގެ އަމިއްލަ މަސައްކަތުން އެއާޕޯޓެއް ހެއްދެވުމަށް ބޮޑު ވަޒީރު ނާސިރު ކަނޑައެޅުއްވުމާ އެކު ފުރަތަމަ ދުވަހު 88 މީހުން ދެވަނަ ދުވަހު 80 މީހުން މަސައްކަތަށް ކުރިމަތިލި އެވެ ފައިސާގެ އެހީގެ ގޮތުގައި ފުރަތަމަ ދުވަހު 1،563.08 ރުފިޔާ، ދެވަނަ ދުވަހު 3،884.29 ރުފިޔާ ލިބުނެވެ. އެ މަސައްކަތަށް އެދި ކުރިމަތިލީ މީހުންނާއި ލިބެމުން ދިޔަ ފައިސާ އެއްދުވަހުން އަނެއް ފުވަހަށް ދިޔައީ ގިނަވަމުންނެވެ.

އާންމުންގެ ތަރުހީބު އިންތިހާއަށް ލިބުމާއެކު އިއުލާން ކުރިތާ ހަތަރު މަސް ފަހުން އެއާޕޯޓުގެ މަސައްކަތް ފެށި އެވެ. ގާތް ގަނޑަކަށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މަސައްކަތާއި ޚަރަދުގައި ހެދި އެއާޕޯޓު ހަދައި ނިންމައި ހުޅުވީ 1966 ވަނަ އހަރު އެޕްރީލް މަހު 12 ވަނަ ދުވަހު އެވެ.

ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސައްކަތާއި ފައިސާގެ ހިއްސާއާއެކު ބިނާކުރި ހުލުލޭ އެއާޕޯޓަށް ފުރަތަމަ ޖެއްސީ އެއާ ސިލޯނުގެ ބޯޓެކެވެ. އެބޯޓުން ރާއްޖޭގެ ބޮޑުވަޒީރާއި ދައުލަތުގެ ބައެއް އިސް ވެރިން ވަޑައިގެންނެވި އެވެ. އެއާޕޯޓު ނިމުނުއިރު ރާއްޖެއަށް އޮތީ ފުރިހަމަ މިނިވަންކަން ވެސް ލިބިފަ އެވެ.