އެމްޑަބްލިޔުއެސްސީއިން ބ. ގޮއިދުއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފަށައިފި އެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އެ ރަށުގައި ކުރިޔަށް ގެންދިޔަ މަޝްރޫއަށް 46.30 މިލިއަން މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވީ އެރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ އެ ރަށުގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބަހައްޓާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ އެ ރަށުގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް ވެސް އަޅާފައިވާ ކަމަށެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅާދީފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.

މީގެ އިތުރުން، މިމަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.