ސެޓެލައިޓެއް ފޮނުވަން ކުރި މަސައްކަތް ނާކީމިޔާބުވިތާ ދުވަސްކޮޅަކަށް ފަހު ނޯތު ކޮރެއާ އިން ޖައްވަށް ރޮކެޓެއް ފޮނުވައިފި ކަމުގައި ސައުތު ކޮރެއާގެ މިލިޓަރީން ޚަބަރު ދީފި އެވެ.

ނޯތު ކޮރެއާ އިން ފޮނުވާލި ކަމަށް ބެލެވޭ ރޮކެޓު އުދުއްސާލުމާ އެކު ޖަޕާނުގެ ޖޭ- އެލާޓް ބްރޯޑްކާސްޓިން ސިސްޓަމުން ވަނީ އެ ގައުމުގެ އޮކިނޯވާގެ އެންމެ ދެކުނު ހިސާބުގައި އުޅޭ މީހުން ސަމާލު ވުމަށް އަންގައިފަ އެވެ. އެ އެލާޓުގައި އެ ހިސާބުގެ ރައްޔިތުން ބޭރަށް ނުނިކުމެ ގޭގޭގައި މަޑުން ތިބުމަށް އެންގި އެވެ.

އިމަޖެންސީ އެލާމްގެ ގާތްގަނޑަކަށް ވިއްސަކަށް މިނިޓު ފަހުން ޖަޕާން ސަރުކާރުން ވަނީ މިސައިލް ޖަޕާން މަތިން ހުރަސްކޮށް ޕެސިފިކް ކަނޑާ ދިމާލަށް ދަތުރުކޮށްފި ކަމުގައި ބުނެ ނުރައްކަލުގެ ހާލަތު ކެންސަލް ކޮށްފަ އެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒޫ މަޓުސޫނޯ ވިދާޅުވި ގޮތުގައި ނޯތު ކޮރެއާގެ ރޮކެޓަކީ ޖަޕާނުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެކަމާ ގުޅިގެން ރަސްމީ ޝަކުވާއެއް އެ ގައުމުން ކުރާނެ އެވެ.

އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނޯތު ކޮރެއާއިން ރޮކެޓް ފޮނުވާލަން އުޅޭކަން އެމެރިކާ އަށް ކުރިން އޮތީ އެނގިފަ އެވެ. އެހެނަސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ދެ ދުވަސް ކުރިން ނޯތު ކޮރެއާ އިން ވަނީ އެ ގައުމުން މި މަހުގެ 24 އާއި 30 އާ ދެމެދުގެ ދުވަހެއްގައި ރޮކެޓެއް ފޮނުވައިލާނެ ކަމުގައި އިއުލާން ކޮށްފަ އެވެ. އެ ގައުމުން ބުނާ ގޮތުގައި އެމެރިކާގެ މިލިޓަރީ ހަރަކާތްތަކަށް ފާރަވެރިވުމަށްޓަކައި އެ ގައުމުގެ ސެޓެލައިޓުގެ ގާބިލްކަން އިތުރުކުރަން ވަނީ ކޮންމެހެން ބޭނުންވެފަ އެވެ.

ނޯތު ކޮރެއާ އިން ޖައްވަށް ސެޓެލައިޓެއް ފޮނުވަން ކުރާ މަސައްކަތް އެމެރިކާ އާއި ޖަޕާނާއި ސައުތު ކޮރެއާ އިން ކުށްވެރި ކުރެ އެވެ. އެހެނަސް ނޯތު ކޮރެއާ އިން ދެކެނީ ސެޓެލައިޓު ފޮނުވުމަކީ އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމުގަ އެވެ.