ވިކީ ކައުޝަލްއާއި ކެޓްރީނާ ކައިފްއަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ ލޯބި ލިބިފައިވާ އެއް ޖޯޑެވެ. ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިކީ ވަނީ އޭނާގެ ކައިވެނީގެ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން ކައިވެނީގެ ހަފްލާތައް ކުރިއަށް ދިޔަ ދުވަސްތަކަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އެއީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ހަނދާންތަކެއް ކަމަށް އޭނާ ބުންޏެވެ.

ކައިވެނީގެ ހަޔާތާ ބެހޭ ގޮތުން ވިކީ ބުނީ ކެޓްރީނާއަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމަށާއި އޭނާގެ އުފާތަކާއި ހިތާމަތައް އެންމެ ފުރަތަމަ އެނގޭނެ މީހަކީ ކެޓްރީނާ ކަމަށެވެ.

ވިކީއާއި ކެޓްރީނާގެ ކައިވެނީގެ ކުރިން އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ދެކެވުނު ނަމަވެސް އެކަން އެއްވެސް މީހަކު ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އެ ދެތަރިންގެ ގުޅުން ފުރަތަމަ ފަހަރަށް އާއްމުކުރީ 2021 ވަނަ އަހަރު ސޯޝަލް މީޑިއާއަށް ދޫކޮށްލި އެ މީހުންގެ ކައިވެނީގެ ފޮޓޯތަކުންނެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ވިކީ އެންމެ ފަހުން ފެނިފައިވަނީ ސާރާ އަލީ ޚާންއާއެކު "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" އިންނެވެ. ކެޓްރީނާ އެންމެ އަވަހަށް ފެންނާނީ ސަލްމާން ޚާންއާއެކު "ޓައިގާ 3" އިންނެވެ.