ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލުމާއި، ހަނގުރާމަތަކަށް ކުރާ ހަރަދުތައް އިތުރުވަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ޔޫރަޕުގެ 25 އަށް ވުރެ ގިނަ ގައުމުގައި އެތައް ހާސް ޒުވާނުންނާއި މަސައްކަތްތެރިން މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތަކެއް ފަށައިފި އެވެ. ޒުވާނުން އިސްނަގައިގެން ހުކުރު ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރޭވިގެން ހިންގުނު މުޒާހަރާތަކެކެވެ.

އިނގިރޭސިވިލާތް، ފްރާންސް، ސްޕެއިން، ޖަރުމަނުވިލާތް އަދި އިޓަލީ ފަދަ ގައުމުތަކުގެ ދަރިވަރުން ވަނީ ކިޔެވުން ދޫކޮށް މުޒާހަރާތަކަށް ނުކުމެފަ އެވެ. މައިގަނޑު ގޮތެއްގައި މި މުޒާހަރާތަކުގައި އަޑުއުފުލަމުން ދަނީ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ޔުނިވާސިޓީތަކުގެ ފީތައް ބޮޑުވުމާއި، ތައުލީމީ ދާއިރާއަށް ދައުލަތުން ދޭ އެހީ ކުޑަވުމުގެ އިތުރުން ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކުގައި ޔޫރަޕުގެ ވެރިން ބައިވެރިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށެވެ. މީގެ އިތުރުން ވަޒީފާ ނެތުމުގެ މައްސަލައާއި، ތިމާވެށީގެ ކާރިސާތަކާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ނުރައްކާތަކުން ރައްކާތެރިވުމަށް ސަރުކާރުތައް ނުކުޅެދިފައިވާ ކަމަށް ބުނެ ވެސް ޒުވާނުން ދަނީ ޝަކުވާ ފާޅުކުރަމުންނެވެ.

މި މުޒާހަރާތައް ޔޫރަޕުގެ ބޮޑެތި ވެރިރަށްތަކުގައާއި މައި މައިދާންތަކުގައި ކުރިއަށްދިޔައިރު، އިޓަލީގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަން ކަމަށްވާ ސީޖީއައިއެލް އިން ބުނި ގޮތުގައި އެ ގައުމުގެ 100 އަށް ވުރެ ގިނަ މައިދާނުގައި މުޒާހަރާ ކޮށްފައިވެ އެވެ. މީގެ ތެރޭގައި މިލާނުގެ ޕިއާޒާ ޑެލް ޑުއޮމޯ ވެސް ހިމެނެ އެވެ. އަދި އިޓަލީގެ ދަތުރުފަތުރުގެ ދާއިރާގެ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި ހަޅުތާލު ފަށާފަ އެވެ. އިޓަލީގެ ޔޫނިއަންގެ ވެރިޔާ މައުރީޒިއޯ ލަންޑީނީ ވިދާޅުވި ގޮތުގައި އިޓަލީން އެކަނިވެސް އެއް މިލިއަނަށް ވުރެ ގިނަ މީހުން މި ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.

އިނގިރޭސިވިލާތުގައި 350 އަށް ވުރެ ގިނަ ސްކޫލް، ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ދަރިވަރުން ކިޔެވުން ދޫކޮށް ލަންޑަންގެ ޕާލިމަންޓް ސްކުއާ އަށް ޖަމާވެފައިވެ އެވެ. މުޒާހަރާއާ ގުޅިގެން ލަންޑަންގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ މުޒާހަރާ ކުރުމުގެ ހައްގަށް އިހްތިރާމްކުރާ ކަމަށާއި ނަމަވެސް ގާނޫނާ ހިލާފު ކަންކަން ހުއްޓުވަން ފިޔަވަޅު އަޅާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ހާއްސަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ އާންމު ހިދުމަތްތަކަށް ސަރުކާރުތަކުން ކުރާ ހަރަދު ކުޑަކޮށް، އަސްކަރީ ކަންކަމަށާއި ހަނގުރާމަތަކަށް ކުރާ ހަރަދު އިތުރުކުރަމުންދާތީ އެވެ. އިނގިރޭސިވިލާތުގެ "ސޯޝަލިސްޓް ސްޓޫޑެންޓްސް" ޖަމާއަތުގެ ޗެއާ، އެޑަމް ޕަވެލް-ޑޭވިސް ވިދާޅުވީ ތައުލީމީ ބަޖެޓުތައް ކަނޑާލައި، ހަނގުރާމައަށް ބިލިއަނުން ހަރަދުކުރާއިރު ޒުވާނުން ހިމޭނުން ނުތިބޭނެ ކަމަށެވެ.

ރޯމް އަދި ޔޫރަޕުގެ އެހެން ސިޓީތަކުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ބައިވެރިން ވަނީ "ހަނގުރާމައަށް ނޫން، ސްކޫލްތަކަށް ފައިސާ ދީ"، އަދި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލާ ޝިއާރުތައް އުފުލާފަ އެވެ. މީގެ އިތުރުން ހަނގުރާމައާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މުސާރަ ބޮޑުކުރުމަށާއި، ސިއްހީ ދާއިރާއަށް ކުރާ ހަރަދު އިތުރުކުރުމަށް ގޮވާލައި، އިޒްރޭލުން ހިންގާ ނަސްލުނައްތާލުމުގެ އަމަލުތަކަށް ހުޅަނގުގެ ސަރުކާރުތަކުން ވާގިވެރިވާ ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.