މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާ ދެމެދު އާ އިންޓަނޭޝަނަލް އެއާލައިނެއް ގާއިއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ދެ ފަރާތުގެ ދެމެދު ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ދެ ފަރާތުގެ ދެމެދު ވެވުނު މި އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރާއި، ކަނެކްޓިވިޓީއަށް ބައިނަލްއަގްވާމީ ފެންވަރުގައި އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފެށުނު ވަރަށް އުއްމީދީ ދަތުރެއް ކަމަށެވެ.

މި އެއްބަސްވުމަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ސްޓްރެޓެޖިކް ގޮތުން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ ކުންފުނިން ބުނީ ރާއްޖެ ދުނިޔެއާ ގުޅުވައި، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުމަކާއެކު، ރާއްޖޭގެ ރީތިކަމާއި މެހެމާންދާރީ ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ބައިނަލްއަގްވާމީ އެއާލައިނެއް އުފެއްދުމަށް މަސައްކަތްކުރާނެކަމަށެވެ.

އެ ބައިނަލްއަގްވާމީ އެއާލައިންގެ އަމާޒަކީ އެކި މަންޒިލްތަކާއި ރާއްޖެ ގުޅުވާލަދީ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އައިލެންޑް އޭވިއޭޝަނާއި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެ އެވެ. އެގޮތުން މިއީ ހަމައެކަނި ޗައިނާ، ޔޫރަޕް އަދި ރަޝީއާ މަކެޓްތަކަށް ބަރޯސާވުމުގެ އިތުރުން، އާ މަންޒިލްތަކަށްވެސް ރާއްޖެ ހުޅުވާލުމަށް މަސައްކަތްކުރާނެ އެއާލައިނެއްކަމަށް ދެ ކުންފުނިން ވެސް ބުންޏެވެ.

މިފަދަ އެއާލައިނެއް ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ.