ޕީޕީއެމް، ޕީއެންސީ ކޯލިޝަނަކީ ހަމައެކަނި ނަމުން ކަންކުރާ ބައެއް ނޫން ކަމަށް ވިދާޅުވެ، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކ. ތުލުސްދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ނަމަކަށް ކަމަށެވެ.

"ދެ ދުވަސް ނުވެ ސިޓީއަކަށް ހެދިތަން ފެނުނީ. ވަރަށް އުފާކުރަން، ތިނަދޫ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ ނަމުން އެކަނި ކަމެއް ކޮށްލާނެ ބައެއް ނޫން ކަމަށާއި އެ ކޯލިޝަނުން ދައްކާނީ ކަމުން ކަން ކޮށްފައި ކަމަށެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރު މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ވެސް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.

"މުޅިން ބިރު ދެއްކުން މި އޮންނަނީ. ރަށަކަށް ވަޑައިގެން އަޅުގަނޑުމެންނާ ސަލާން ކުރަން ސަފަށް އަރަން ވެސް ބިރުގަނޭ އެބަ ވަޒީފާތަކުގައި ތިބި ކުދިން. އެ ކުދިންގެ ބެލެނިވެރިން އެބަ ބިރުގަނޭ. ދުރު ތަނެއްގައި ތިބޭ އެބަ މެނޭޖަރު ބަލަން އެ ކުދިން ސަލާން ކުރަން ދޭތޯ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ފާއިތުވީ ތިން ހަފުތާއެއްހާ ދުވަހު އަތޮޅުތެރެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ފަހު މަންޒިލް ތުލުސްދޫގައި ބޭއްވި ބޮޑު ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި، ލިބިވަޑައިގެންނެވި މަދު ވަގުތުކޮޅުގައި ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރެއްވުނެވެ. އަދި ވިދާޅުވީ، ވަޑައިނުގެންނެވުނު ރަށްރަށަށް ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

ކެމްޕެއިން ކުރިއަށް ގެންދަނީ ވަރަށް ޖޯޝާއި ފޯރީގައިކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ، ސަޕޯޓަރުންގެ ތާއީދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެކަމަކު، އިންތިހާބާ ދެމެދު ކުރިއަށް އޮތް ތިން ދުވަހު ކާމިޔާބީ ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންނެވި އެވެ.