ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ވެބްސައިޓުން އާންމުކޮށްފައިވާ މާދަމާގެ އެޖެންޑާގައި ވާގޮތުން މާދަމާގެ އެޖެންޑާގައި އޮތީ ރައީސް ނަޝީދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރު ކުރިއަށްގެންދާނެ ގޮތާމެދު ގޮތް ނިންމުން އެކަންޏެވެ.

މާދަމާ އެ މައްސަލައިގެ ވޯޓަށް އަހަން ގަސްދުކުރާކަން ރައީސް ނަޝީދު ވަނީ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ހާމަކުރައްވާފަ އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މާދަމާ އިތުބާރު ނެތްކަމުގެ ވޯޓަށް އެހޭނެ ކަމަށް. މުޅި މަޖިލީހުގެ ކޮމިޓީއަށް ނުގޮސް ނިންމަން އަޅުގަނޑު ބަލާނަން. މާދަމާ ވޯޓަށް އަހަން ގަސްދުކުރަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ އިއްޔެ ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއި އާއެކުގަ އެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމީ މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ކަމަށް ބުނުމަށްފަހު އެވެ. މީގެތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދެއްވާ މަޖިލިސް ހުއްޓުވާލުމަށް މަސައްކަތް ކުރެއްވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަކި ސަބަބެއް މަޖިލީހުގެ ޖަލްސާގައި އިއުލާންކުރެއްވުމެއް ނެތި ކޮންމެ ދުވަހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމެވެ.

މީގެއިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވުމާއި ހިނގާ ބަހުސްތަކުގައި ބައިވެރިވުމާއި، ބައެއް މެންބަރުންނާ މެދު ޒާތީ ތައައްސަބެއް ގެންގުޅުއްވުމާއި އަދި ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހުގެ ރައީސް ހުރަސް އެޅުއްވުންވެސް ފާހަގަކޮށްފައިވެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ މިހާރު ތިއްބެވި ޖުމުލަ މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ.