ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓްގައި އިންތިހާބުގައި ވާދަކުރެއްވި ހުޅުދާ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީތަކާޢި އެކު ކޯލިޝަން ހެދުމާގުޅެގޮތުން މަޝްވަރާ ކުރުމަށް ޑީމޮކްރެޓްސް އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ރިޔާސީ އިންތިހާބެއްގައި އެއްވެސް ސިޔާސީ ޕާޓީއަކަށް މެޖޯރިޓީއެއް ނުލިބޭ ކަމަށާއި ކޮންމެ ފަހަރަކު އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖެހޭ ކަމަށެވެ. އެންމެ ފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވަނީ 2007 ވަނަ އަހަރު އެވެ.

"2007 ވަނަ އަހަރުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާފަ އޮތީ ފެހި ގާނޫނު އަސާސީ ނިންމުމުގެ ތެރޭގައި 2008 ވަނަ އަހަރު ގާނޫނު އަސާސީ ތަސްތީގު ވެގެން އައިއިރު، އެއްވެސް ޕާޓީއަަކަށް މެޖޯރިޓީއެއް ލިބިފައެއް ނެތް އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނޫނީ އަދި ކޮންމެ ފަހަރަކު ރިޔާސީ އިންތިހާބެއްގައި އަބަދުވެސް މަސައްކަތް މިކުރަނީ ވެރިކަމުގައި ހުންނަ މީހަކު ބާލަން" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ މިއީ އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ކައިރިން އަހަންވީ ވަގުތު ކަމަށެވެ.އެހެންވީމާ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރަރެއް ހުށަހަޅާފައިވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެގަރާރުގައި ވާގޮތުން ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިން ވޯޓު ނަގަންޖެހޭ ކަމަށެވެ.