ވޮޝިންޓަން (22 ޖެނުއަރީ) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން މިމަހު ހަ ވަނަ ދުވަހު ކޮންގްރެސް އިމާރާތަށް ގަދަކަމުން ވަދެ، އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ލޫޓުވައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ޓްރަމްޕް އިމްޕީޗްކުރުމަށް ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ފާސްކުރުމަށްފަހު ސެނެޓުން އަންނަ ހޯމަ ދުވަހު އެ މައްސަލަ ބެލުމަށް ތައްޔާރުވާން ފަށައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެންގެ ޕާޓީ ޑިމޮކްރެޓްސްއަށް ކާމިޔާބު ލިބުމުގެ އިތުރުން ކޮންގްރެސްގެ އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް ވަނީ ކާމިޔާބު ލިބިފަ އެވެ. ޖޯޖިޔާގެ އިލެކްޝަންއިން ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ކާމިޔާބުލިބުމާއެކު ސެނެޓްގެ މެޖޯރިޓީ ލީޑަރުގެ މަގާމަށް ޑިމޮކްރެޓްސްގެ ޗަކް ޝޫމާ މިހާރު ވަނީ ހަމަޖައްސާފަ އެވެ. ކުރިން ސެނެޓްގެ މެޖޯރިޓީ ލީޑަރަކީ ރިޕަބްލިކަން ގެ މިޗް މެކޯނެލް އެވެ.

ސެނެޓްގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ އިއްޔެ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ޝަރީއަތް ފެށުމަށް އަންނަ ހޯމަ ދުވަހު ސެނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުން ދާ ކަމަށެވެ. ޝޫމާ މިގޮތަށް ނިންމާފައިވަނީ ރިޕަބްލިކަންގެ ލީޑަރު މިޗް މެކޯނެލް ޓްރަމްޕަށް ޝަރީއަތަށް ތައްޔާރުވުމުގެ ގޮތުން އިތުރު ވަގުތު ދިނުމަށް ޝަރީއަތް ލަސްކޮށްދިނުމަށް އެދިފައި ވަނިކޮށެވެ.

މެކޯނެލް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އިމްޕީޗްމަންޓް ޕްރޮސެސް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށެވެ. އަދި ޝަރީއަތް ވެސް އެގޮތަށް އަވަސް އަރުވާލައިގެން ގެންގޮސްފިނަމަ ދައުވާއިން ދިފާއުވުމުގެ ހައްގު ޓްރަމްޕަށް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެކޯނަލް ވިދާޅުވީ ދިފާއުވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނަންވާނެ ކަމަށެވެ.

ސެނެޓްގައި ޝަރީއަތް ކުރިއަށް ގެންދާނީ އެމެރިކާގެ ސްޕްރީމް ކޯޓުގެ އިސްފަނޑިޔާރު ރިޔާސަތުގައި އިންނަވައިގެންނެވެ.

ޝަރީއަށް ނިމުމުން ގޮތެއް ނިންމުމަށް ސެނެޓުގައި ވޯޓަކަށް އަހާނެ އެވެ. މިވޯޓު ފާސްވާނީ މެމްބަރުންގެ ގޮތުގައި ތިއްބަވާ 100 މެމްބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެމްބަރުން ވޯޓު ލިބިގެންނެވެ. ސެނެޓްގެ ވޯޓް ކާމިޔާބުވެއްޖެ ނަމަ އަލުން ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރަމްޕަށް ގެއްލިގެންދާނެ އެވެ. – ސްޓްރައިޓް ޓައިމްސް