ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން ރަޝިޔާގައި ބައްދަލު ކުރައްވައިފި އެވެ.
ރަޝިއާގެ މީޑިއާތަކުން ބުނި ގޮތުގައި ދެ ލީޑަރުން ބައްދަލު ކުރައްވައި ރަސްމީ ވާހަކަފުޅުތައް މިހާރު ވަނީ ފެށިފަ އެވެ.
މި ދެ ލީޑަރުންގެ ބައްދަލުވުން އޮތީ ނޯތު ކޮރެއާ އާއި ރަޝިޔާގެ ބޯޑަރު ކައިރީގައި އޮތް ރިމޯޓު އަވަށެއްގައި ހުރި ސެޓެލައިޓު ލޯންޗް ކުރާ ތަނެއްގަ އެވެ. ސައުތު ކޮރެއާގެ ލީޑަރު މި ދަތުރު ފުޅަށްޓަކައި ވަޑައިގެންނެވީ އޭނާގެ ޚާއްސަ ރޭލަކުން ބޯޑަރު ހުރަސް ކުރައްވަ އެވެ.
ރަޝިޔާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި މި ސަމިޓުގައި ދެގައުމުގެ ދެމެދުގައި ވާހަކަ ދައްކަންޖެހިފައި ހުރި ހުރިހާ މައްސަލަތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވޭނެ އެވެ. ހުޅަނގުގެ ގައުމުތަކުން ލަފާކުރަނީ ސައުތު ކޮރެއާއަށް ބޭނުންވެފައިވާ މިސައިލް ލޯންޗްކުރުމާ ބެހޭ ޓެކްނޮލޮޖީ ރަޝިއާ އިން ހޯދުމާއި ރަޝިއާއަށް މިވަގުތު ކޮންމެހެން ވެސް ބޭނުންވެފައިވާ އެމިއުނިޝަން ނޯތު ކޮރެއާ އިން ހޯދުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.
ދެގައުމުގެ ލީޑަރުންގެ މެދުގައި ބާއްވާ ބައްދަލުވުމުގައި ހަތިޔާރާ ބެހޭ އެއްބަސްވުމަކަށް އައިސް ޔުކްރޭނުގެ ހަނގުރާމައިގައި ރަޝިޔާއަށް އެހީއަކަށް ވެދާނެ ފަދަ ހަތިޔާރުގެ ބާވަތްތައް ނޯތު ކޮރެއާއިން ސަޕްލައި ކޮށްދޭން ފަށާފާނެ ކަމަށް ހުޅަހނގުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދެގައުމުގެ ވެރިންގެ ސަމިޓު ފެށުމުގެ އިރުކޮޅެއް ކުރިން ކުރިން ނޯތު ކޮރެއާއިން ވަނީ ބެލެސްޓިކް މިސައިލްގެ ދެ މިސައިލް އުދުއްސާލައިފަ އެވެ. ސައުތު ކޮރެއާއާ ދިމާ ކަނޑުގެ ސަރަހައްދަށް ފޮނުވާލި މިސައިލް ފޯރީ ކިހާ ރާސްތާއަކަށް ކަމެއް ކަށަވަރެއް ނުވެ އެވެ.