ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާ ފަދައިން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް އޮތުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭގައި މިއަދު ކުރިއަށް ދިޔަ ޓޯޓްޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރެއްވުމުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މަޖިލީސް ހުއްޓިފައި އޮތްތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބައެއް ޖަލްސާތަކަށް ބައެއް މެމްބަރުން ހާޒިރުނުވެވި ދިޔުމަކީ އަބަދުވެސް ވާކަމެއް ކަމަށާއި އެއީ މަޖިލީސް ހުއްޓިފައި އޮތުމެއް ނޫން ކަމަށެވެ.
"ކުރިއަށް އެބަ ދެއެއް ނޫންތޯ. ބައެއް ޖަލްސާތަކުގައި އެހެން ބައެއް ފަހަރު މީގެ ކުރިން ވެސް ވެފައި އެބަހުރި. އެކަމު ޖަލްސާ ކުރިއަށް ދިޔަ އެއް ނޫންތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މަޖިލީސް ހުއްޓުވާފައިވާ ކަމަށް ތުހުމަތު ކުރައްވައި ނަޝީދު ފޮނުއްވެވި ސިޓީފުޅު އަދި ލިބިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ކުރައްވާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ މުޅިން ދޮގު ވާހަކައެއް. އަޅުގަނޑު 25 އަހަރު މަޖިލީހު ހުރެފައި މި އައީ. މަޖިލީހުގެ ކަންތައްތައް ހިނގާގޮތް އަޅުގަނޑަށް ވެސް އިނގޭ. މަޖިލީހުގެ ކަންހިނގާ ނުހިނގާ ގޮތާ ގުޅޭ ގޮތުން ކަންކުރަންވީ ގޮތް އެނގޭ، އަޅުގަނޑު އޭގެ ތެރެއަކަށް ނުވަންނާނަން،" ރައީސް ވިދާޅުވި އެވެ
އެމަނިކުފާނު ވިދާޅުވީ މަޖިލީސް ހިންގުމުގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިނުގަންނަވާ ކަމަށެވެ.
ނަޝީދު މިއަދު ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅަމުން ދަނީ ރައީސް ސޯލިހުގެ ބައިވެރިވުމާ އެކު ކަމަށް ނަޝީދު އެ ސިޓީގައި ތުހުމަތު ކުރައްވައިފަ އެވެ.