ޑިމޮކްރެޓްސްގެ މަގުސަދުތައް ހާސިލުކުރަން އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓް ބޭނުންވާ ކަމަށް އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ އެ ޕާޓީ ވަރުގަދަވުން ވެސް ބޭނުންތެރި ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެ ޕާޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެ ދެ ޕާޓީގެ ތާއީދު ހޯދުމަށް ކަމަށް ބެލެވެ އެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވިގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުން އެ ހުށަހެޅުން ފާސްވީ އެމްޑީޕީގެ މެމްބަރުންގެ ވެސް ވޯޓާއެކު އެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ، ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ލިބިފައި ވަނީ 1،5000 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދާ ނުލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 109،868 ވޯޓެވެ.

ރައީސް ސޯލިހަށް އެހާ ގިނަ ވޯޓު ލިބިވަޑައިގަތުމުން އެންމެފަހުން ނަޝީދު ވަނީ އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ޕާޓީގެ އާންމު މެމްބަރުން އަންނަނީ އެމަނިކުފާނަށް އެ ފުރުސަތު ނުދިނުމަށް ގޮވާލަމުންނެވެ.