ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ގިނަ ރިސޯޓުތަކުން ޓޫރިސްޓުން އުފުލަން އަމިއްލަ ސީޕްލޭން ބޭނުންކުރެ އެވެ. ބައެއް ރިސޯޓުތަކުން އެ ސީޕްލޭންތަކުގައި އަމިއްލަ ކުލައެއް ނުވަތަ ކުރެހުމެއް ބޭނުންކުރެ އެވެ. މިގޮތުން ސިކްސް ސެންސަސް ލާމުގެ ކުރެހުން ގުޅުވާލާފައި ވަނީ ވެލައަކާ އެވެ.
ލ. އަތޮޅުގައި ހިންގާ އެ ރިސޯޓުން އަލަށް ބޭނުންކުރަން ފެށި ސީ ޕްލޭންގެ ޑިޒައިން ވަރަށް ހިތްގައިމެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އޮޕަރޭޓްކުރާ އެ ސީޕްލޭންގެ ބޭރުގައި ޖައްސާފައި ވަނީ ވެލައެއްގެ ކުރެހުމެވެ.
" 'ދަ ފްލައިން ޓާޓަލް ބައި ސިކްސް ސެންސަސް ލާމު' އަކީ ޓީއެމްއޭގެ އިން-ހައުސް ޓީމުން ވަރަށް ފަރުވާތެރިކަމާއެކު ކުރެހި މި ހާއްސަ ލިވަރީ ހާއްސަކޮށްފައި ވަނީ މި ކުންފުންޏާއި ސިކްސް ސެންސަސް ލާމުގެ ގެސްޓުން އުފުލުމަށް. މި ހާއްސަ ތަޖުރިބާގެ ސަބަބުން ލާމު އަތޮޅުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ފަދަ ގޮތަކަށް ދަތުރުވެރިންނަށް ހާމަވެގެންދާނެ،" ޓީއެމްއޭ އިން ބުނެފައިވެ އެވެ.
ޓީއެމްއޭ އިން އަލަށް ބޭނުންކުރާ މި ބޯޓަކީ 12 ފަސިންޖަރުން އުފުލޭ ބޯޓެކެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި ޓީއެމްއޭގެ ދައުރު ވަރަށް ބޮޑެވެ.
ޓީއެމްއޭ މީގެ 30 އަހަރު ކުރިން އުފެދުނީ އެންމެ ދެ މަތިންދާބޯޓާއި ހަތަރު ފަސިންޖަރުންނާއެކު އެވެ. ނަމަވެސް މިހާރު ޓީއެމްއޭ އިން 14 އަތޮޅެއްގެ 90 އަށްވުރެ ގިނަ ރިސޯޓަށް އަހަރަކު މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދެ އެވެ.