ފުވައްމުލަކު "ރަށޮވެށި" އަކީ މަޝްހޫރު ޅެމެކެވެ. އެ ޅެން ހެއްދެވި ޅެންވެރިޔާ ފުވައްމުލަކު ކަރިއްޔާގެ ކަޅުތުއްތު ދީދީ އަކީ ޅެންވެރިކަމުގެ ފަންނުގައި ރާއްޖޭގެ ނިސްބަތުން ފުންނާބު އުސް ބޭފުޅެކެވެ. ރަށޮވެށި މަޝްހޫރުވެފައި ވަނީ އެ ރަށުގެ ޖޯގްރަފީ ވަރަށް ރަނގަޅަށް ކިޔާދީފައިވާ ޅެމެއްގެ ގޮތުގަ އެވެ. އެޅެމުގައި ރަށުގެ ވަށައިގެން ހުންނަ އެކި އެކި ފަންނުތަކާއި އެކި ސަރަހްއްދުތައް މަޝްހޫރުވެފައި އޮންނަ ކަންތައްތައް ތަފުސީލުކޮށް ކިޔައިދީފައި އޮވެ އެވެ.

ކަޅުތުއްތު ދީދީގެ މި ރަށޮވެށީގެ ކުރިން ވެސް ރަށޮވެށީގެ ނަމުގައި މިފަދަ ޅެމެއް ފުވައްމުލަކުގައި ގެންގުޅުނެވެ. އެޅެންބައި ހެއްދެވި ކަމަށް ވަނީ ފުވައްމުލަކު ވާރޮގޭ އިބްރާހިމް ދީދީ އެވެ. ކަޅުތުއްތު ދީދީގެ ރަށޮވެށިއާއި އިބްރާހިމް ދީދީގެ ރަށޮވެށްޓަށް ބަލައިލުމުން ފާހަގަކުރެވެނީ ކަޅުތުއްތު ދީދީގެ ރަށޮ ވެށި، އެއީ އިބްރާހިމް ދީދީގެ ޅެމުން މައުލޫމާތު ނަންގަވައިގެން، އެޅެން ފުރިހަމަ ޅެމެއްގެ ސިފާގައި އަތުރާލައްވާފައިވާ ޅެމެއް ކަމުގަ އެވެ.

އޭގެ އިތުރުން ކަޅުތުއްތު ދީދީ ވަނީ ރަށޮވެށިއަށް އޭނާގެ އަމިއްލަ ބައެއް ވެސް އިތުރު ކުރައްވައިފަ އެވެ. އެއީ "ރަށުގެ ހާލު އަހުވާލު" ގެ ގޮތުގައި ހިމަނުއްވާފައިވާ ފުވައްމުލަކެގެ ސަގާފަތާއި އާދަކާދައާއި އެޒަމާނުގެ ދިރިއުޅުން ސިފަކޮށްދޭ ވަރަށް ފުރިހަމަ އިލްމީ، އަދަބީ މަސައްކަތެކެވެ. ޅެމުގެ މިބަޔަށް އެތެރެވެށި ވެސް ކިޔައި އުޅެ އެވެ. ސަބަބަކީ އަސްލު ރަށޮވެށީގައި އޮންނަނީ ރަށްވަށައި ޖަހާލެވޭ ބުރަކަށްވެފައި ހާލުއަހުވާލު ބައިގައި ރަށުގެ އާދަކާދަތަކާއި އިޖުތިމާއީ ދިރިއުޅުން ސިފަކޮށް ދެއްވާފައި ވާތީ އެވެ.

1900ގެ ކުރީކޮޅު ފުވައްމުލަކުގައި ފަނުން އަޅާފައިވާ ގެތަކެއް

އެތެރެވެށި

"ހާލު ރަށުގެ އާދައާ ބޯދާ އިހު ކަންތަކާ

ޚަބަރާ އެކު ރުގެ މިހާ ކުޑަކޮށް ދޭނަމެ ކިޔާ"

އެ ރަށުގެ އާދަކާދަޔާ އިހުގެ ޚަބަރުތަކާ އަދި މިހާރުގެ ކަންތައް އޮންނަ ގޮތް ވެސް ކުޑަކޮށް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވަމުން އެންމެ ފުރަތަމަ ވެސް އޮތީ ރަށް އުފެދިފައި އޮތް ގޮތެވެ. ވިލެއް ފަޅެއް ނުވާ ރަށެއްކަމާއި ރަށް އޭރު ބެހިފައި އޮތީ ނުވަ އަވަށަށް ކަމަށް ލިއުއްވަމުން، އެ ނުވަ އަވަށުގެ ތެރެއިން ކޮންމެ އަވަށަކީ ވެސް ތަފާތުކަމެއް ހުރި އަވަށެއް ކަމަށް ސިފަކުރައްވާފައިވެ އެވެ. އެ ރަށް އުފެދިފައިވާ ގޮތް ސިފަކޮށްދެއްވަމުން "ކުޅި ފަދަ ފެންފެންގަނޑާއި އޮޅުފުށި، ތެއް ފަސްގަނޑާ" ހިމެނޭ ގޮތުން އުފެދިފައި އޮންނަ ރަށުން ފަލަމަޑީގެ ގޮވާންކޮށްގެން ރައްޔިތުންނަށް ފުދި އިތުރުވާ ކަމަށް ލިޔުއްވާފައިވެ އެވެ.

އިތުރަށް ލިޔުއްވާފައިވާ ގޮތުގައި ތަފާތު މޭވާތަކާއި ފަތްޕިލާވެއްޔާއި، މާމެލާމެލީން މުޅި ރަށް އޮންނަނީ ތިޔާގިވެފަ އެވެ. ރަށުގައި ހައްދާ އުޅޭ ގަސްތަކުގެ ތެރެއިން މިހާރު (ޅެން ހެއްދެވި ދުވަސްވަރު) ނެތި ގޮސްފައިވާ އެއް ގަހަހަކީ ކަފަ ގަހެވެ. ކުރީ ޒަމާނުގައި ރަށުގައި ކަފަ ހައްދައި، އެ ކަފައިން އުއި ހަދައި، އެ އުއިން ފޭރާން ވިޔެ އުޅުނު ކަމަސް ވެސް ލިޔުއްވާފައި އޮވެ އެވެ.

މަސްވެރިކަމާ ބެހޭގޮތުން ލިޔުއްވާފައި ވަނީ ކުރީ ޒަމާނުގައި ރަށުގައި ދެމޫސުމަކަށް މަސްވެރިކަންކޮށް އުޅުނު ކަމަށް ވިޔަސް ފަހަކަށް އައިސް އެއް މޫސުމަކަށް ބަދަލުވެފައި އޮތް ކަމަށެވެ. އެކަމުގެ ސަބަބުން ބައެއްފަހަރު ދެރަ ލިބޭކަމަށް ލިއުއްވަމުން ދެން އޮތީ މަސްވެރިކަން ކުރާ ގޮތެވެ. މަސްވެރިކަމުގެ ވާހަކަ ފައްޓަވާފައި އޮތީ އަދަ މޫސުމުގެ ވާހަކައިންނެވެ. އެއީ އިހުޒަމާނުގެ މަސްވެރިން މޫސުން ބަލާ އުސޫލުން ހުޅަނގު ދެބަޔަކަށް ބަހާލައި މޫސުމުގެ ގަދަ ނަކަތްތައް ގޮސް ފަހަތަށް އޮންނަ ނަކަތްތަކެވެ. އެއީ އަދަ ނަކަތުން ފެށިގެން އުތުރަ ނަކަތާ ހަމަޔަށެވެ. ފުރައުތުރަ ނިމޭ ހިސާބަކީ ހިބަރާއި މިޔަރާއި، ކުރުމަހުގެ މަސްވެރިކަން ރަނގަޅު ދުވަސް ވަރެކެވެ. އެން ތިލަވެ، ދޮށީގެ މަސްވެރިކަން ކުރަނީ ރޭވަ ނަކަތް ފެށުމުންނެވެ.

ފުވައްމުލަކުގައި އެންމެ ގިނަ ދުވަސްވަންދެން އަރައި ފައިބަން ބޭނުންކުރި "ރަސްގެފަންނު".

ހުޅަނގު މޫސުމުގެ ގަދަ ނަކަތްތައް ނިމެންވާއިރަށް ރަށުގައި ހުންނަ އޮޅުދޫކަރައަށް ދަތުރުކުރާ އޮޑިތައް ބާލަައި، ތައްޔާރުކުރުމުގެ މަސައްކަތް ފަށާނެ އެވެ. އެހިސާބާ ޖެހެންދެން އޮޑިތައް ހުންނާނީ އެހެލާފަ އެވެ. އޮޑިތައް ތައްޔާރުކުރާނީ ވިހާ ނަކަތުގައި ފުރޭތޯ އެވެ.

އޮޅުދޫ ކަރައަކީ ސިލޯނެވެ. ސިލޯނަށް ދާން އޮޑި ބާލާ ދުވަހަކީ ވަރަށް ބޮޑު ދުވަހެކެވެ. ރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ފިރިހެނުން އެކަމުގައި ބައިވެރިވާނެ އެވެ. ކަޅުތުއްތު ދީދީގެ އެތެރެވެށީގައި ވާގޮތުން އަންހެންވެރިން ގޮސް އެމަންޒަރު ދުރުދުރުން ބަލަން އެކި ހިސާބުހިސާބުގައި މަޑުކޮށްގެން ތިބެ އެވެ.

އޮޑިތައް ފުރުމުން ރަށުގެ އަންހެންވެރިން ކުދިން ގޮވައިގެން އޮޑިފަހަރު އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރުކުރުމުގައި ހޭދަކުރަނީ އެކަނި ވެރި ދުވަސްތަކެކެވެ. އެ އިންތިޒާރުތަކުގައި ރަށް މަޑުމޮޅިވެފައި އޮންނައިރު އެންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތި ވަނީ ހޭ ނަކަތުގެ ވިއްސާރައިންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޮޅުތަކުގައި ފެންބޮޑުވެ، އަލަ އޮޅު މަރުވާ އިރު، އޭރު އަދި ބަނބުކެޔޮ މޫސުން ވެސް ރަނގަޅަށް ނުފެށޭ ކަމުން ރަށަށް ތަދުމަޑުކަން އާދެ އެވެ. ހުޅަނގު މޫސުމުގެ އެ ތަދުމަޑުކަމުގައި ކައްޓަލަ ފަދަ ބައެއް ބާވަތް ކެއުމަށް ބޭނުންކުރާއިރު މަސް ނުލިބުމުގެ ސަބަބުން ކުޅީގައި ހުންނަ ބޭންގް ކާން ޖެހެ އެވެ. އެ ބޭންގަކީ އެންމެނަށް ލިބޭ އެއްޗެއް ނޫނެވެ.

ކަޅު ތުއްތު ދީދީގެ އެތެރެވެށީގައި ވާގޮތުގައި އެ ދުވަސްވަރު ރަށުގައި ހެދިފައި ހުންނަ އެކި ބާވަތް ބާވަތުގެ ފަތްޕިލާވެލީގެ ސަބަބުން ބަނޑުފުރާނަ މުއްތިކުރުމުގައި ބޮޑު އެހީއަކަށްވެ އެވެ.

ހުޅަނގު މޫސުން ނިމި މަޑުވުމުން ކަންނެއްޔާއި ހިބަރު ފަދަ މަސްތައް ރަށާ ކައިރިއަށް ލެފިލަ އެވެ އެއާއެކު ހޯރަތައް އައިސް މުޅި ރަށުގެ އުދަރެސް ފުރާލުމާއެކު ފުޅަނގި އަރައި ކުދިވެރިން ހެއްވާލައި ބަދިގެތެރެ ތަނަވަސްކޮށްލަ އެވެ.

ފުވައްމުލަކު ހުޅަނގު ފަރާތު ގޮނޑުދޮށުގައި ބަޔަކު ފުޅަނގި ހިފަން ތައްޔާރުވެގެން..

ނުރަ ނަކަތް ނިމި އިރުވައި މޫސުން ފެށުމާއެކު ކޮންމެ ދުވަހަކު ވެސް ރަށުގެ ފިރިހެނުން ރުއްރުކަށް އަރައި، ދުރުން އޮޑިއެއްގެ ރިޔާ ފާއްދާލާތޯ ބަލާނެ އެވެ. މުލަ ނަކަތާއެކު އޮޅުދޫން ކަރައިން އޮޑިފަހަރު އައިސް ކޮޅުނބުން ގެންނަ ސާމާނުތަކާއެކު މުޅި ރަށް އުފަލުން ފުރެ އެވެ.

ކަޅުތުއްތު ދީދީގެ އެތެރެ ވެށީގައި ރަށުގެ އެތެރޭގެ މާހައުލު ވެސް ވަރަށް ރީތިކޮށް ސިފަކޮށް ދެއްވާފައިވެ އެވެ. އެގޮތުން ނުރަ ނަކަތުގެ ފަހުކޮޅު ރަށުގެ އުތުރު ތުނޑީ ކައިރިއަށް ކަންނެލި އައިންތައް ތިލަވެފައި އޮންނަ ދުވަސްވަރު، އެ ތުނޑީގައި ލާ ބިއްސާވެލި ބަލަން ކުދި ބޮޑު ހުރިހާ އެންމެން ބައިބަޔަށް ދާ ވާހަކަ ފަދަ ރަށުގެ އިހުގެ އާދަކާދަތައް ވަރަށް ރީތިކޮށް ސިފަކޮށް ދެއްވާފައިވެ އެވެ.

ޅެން ވެރިކަމުގެ ގޮތުން އެފަދަ ދެވަނައެއް ފުވައްމުލަކުން ފެނިފައި ނުވާ، ރަށޮވެށީގެ ބައެއްގެ ގޮތުން ކަޅުތުއްތު ދީދީ ލިޔުއްވާފައިވާ އެތެރެވެށީން ސިފަކޮށް ދެއްވައިފައި ވަނީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން މުޅިން ތަފާތު ވެށްޓަކާއި އިޖުތިމާއީ އާދަކާދައެއް އޮތް ފުވައްމުލަކުގެ މީގެ 70 ވަރަކަށް އަހަރުގެ ކުރީގެ މާޒީއެކެވެ.