އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރިއިރު، އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް އެކަން ކުރުމަކީ ހެދުނު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ އެއްބަސްވެވަޑައިގެންފި އެވެ.
ރަސްމާލޭގެ ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބާރުއަޅައި އެމްޑީޕީން އިންތިޒާމުކުރި އެއްވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ގައުމުގެ މިސްރާބު ބަދަލުވެގެންދާ ފަދަ ބޮޑެތި ކަންކަން ހަމައެކަނި ވެރިންނަށް ފެންނަ ގޮތަށް ނިންމައިގެން ނުވާނެ ކަމަށާއި އެފަދަ ނިންމުންތަކުގައި އާންމުންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަންކަން ވެރިންގެ އަމިއްލަ އިހުތިޔާރުގައި އެކަނި ކުރިއަށް ގެންގޮސްގެން ނުވާނެ އެވެ. ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރިއިރު ރައްޔިތުންގެ ހިޔާލު ނުހޯދީ ކީއްވެގެންތޯ މީހުން ސުވާލުކުރާ ކަމަށާއި، އެއީ ހެދުނު ގޯހެއްކަމަށް މިއަދު އިއުތިރާފުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ތަޖުރިބާގައޭ އަޅުގަނޑު މިހުރީ މިތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހައި ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ. ކޮންމެ ކަމެއްގެ ފަހަތަށް ރާއްޖޭގެ މުޅި ރައްޔިތުން އެބަ އަންނަންޖެހޭ. އެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ." ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން މާލެ ސަރަހައްދަށް އިތުރަށް މީހުން ޖަމާވާ ގޮތަށް ފުށިދިއްގަރުފަޅުގައި ރެސިޑެންސީ މަޝްރޫއެއް ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ދަރަނީގެ ދަންތުރައިގައި ޖެހުމުން ގައުމުތަކުން އަގުނުވާ ފަދަ ދަށް އަގުތަކުގައި ކަންކަން ކުރަމުންދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް އެފަދަ ކަންކަން ކުރައްވަން ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނުމަށް ސަރުކާރުން ނިންމީ އެއްވެސް އިއުލާނުކުރުމެއް ނެތި، ބިޑުކުރުމުގެ މަރުހަލާއެއް ވެސް ނުހިނގައި ވަރަށް ސިއްރުވެރި އުސޫލަކުންނެވެ. އެ ބިން އެ ކުންފުންޏަށް ދޫކުރަނީ 99 އަހަރަށް ކަމަށް ސަރުކާރުގެ ފަރާތުން ހާމަކުރި ނަމަވެސް، އީގަލް ހިލްސް އިން ބުނަނީ އެ ބިން އެ މީހުންނަށް ލިބެނީ ދާއިމީ މިލްކިއްޔާތެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން 99 އަހަރުގެ މުއްދަތަށް ފަހު، ވާރުތައިން ނުވަތަ ވިއްކުމުގެ ތެރެއިން އެހެން ފަރާތަކަށް ބިން ބަދަލުވާ ކޮންމެ ފަހަރަކު އަނެއްކާވެސް އާ 99 އަހަރުގެ މުއްދަތެއް އިތުރުވާ އުސޫލެއް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިލްމުވެރިންގެ ގުޅުމުގެ މެންބަރުންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވި އިރު ވެސް އެކަން އެގޮތަށް ވިދާޅުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ރީކޯ މޫސަގެ ފިލްމުގެ ޕްރިމިއާ ނައިޓް ޕީއެސްއެމް އިން ނުދެއްކި
ކުޑަކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރު އަނދާ ހުލިވެއްޖެ
އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ދޭން އޭޖީއެމްއިން ނިންމައިފި
