ޒަމާނީ ޓެކްނޮލޮޖީއާއެކު ސްމާޓްފޯނަކީ އަހަރެމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވަނީ ވެފަ އެވެ. ނަމަވެސް ދަރިންނާއެކު ހޭދަކުރާ ވަގުތުތަކުގައި މައިންބަފައިން މާ ގިނައިން ފޯނު ބޭނުން ކުރުމަކީ، އެ ކުދިންގެ ވާހަކަ ދެއްކުމާއި ބަހުގެ ހުނަރު ތަރައްގީ ވުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ކުޑަކުދިން ވާހަކަދައްކަން ދަސްކުރަނީ މައިންބަފައިންނާއި ގާތް މީހުންނާ މުޢާމަލާތް ކޮށްގެންނެވެ. ކުއްޖާ އަޑެއް ލައްވާލާ ހިނދު ނުވަތަ އިޝާރާތެއް ކުރާ ހިނދު، މައިންބަފައިން އެކަމަށް ސަމާލުކަން ދީ ޖަވާބު ދިނުމަކީ ކުއްޖާގެ ސިކުނޑި ތަރައްގީ ވުމަށް ވަރަށް މުހިންމު ކަމެކެވެ.
ނަމަވެސް، މައިންބަފައިން ފޯނުގެ ސްކްރީނަށް ގެއްލިފައި ތިބޭނަމަ، ކުއްޖާއާއެކު ދެކެވޭ ވާހަކަތައް މަދުވެ، ކުއްޖާގެ އިޝާރާތްތަކަށް ދެވޭ ސަމާލުކަން ކުޑަވެގެންދެ އެވެ. މީގެ ސަބަބުން ކުއްޖާއަށް އާ ބަސްތައް ދަސްވުން ލަސްވެ، ވާހަކަ ދެއްކުމުގެ ހުނަރު ދަށްވުމަށް މެދުވެރިވެ އެވެ.
މި މައްސަލައިން ދަރިން ރައްކާތެރިކުރުމަށްޓަކައި މައިންބަފައިންނަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ކާ ގަޑިތަކުގައާއި ކުޅޭ ގަޑިތަކުގައި ފޯނު ބޭނުން ކުރުން ހުއްޓާލައި، ކުއްޖާއަށް ފުރިހަމަ ސަމާލުކަން ދިނުން ހިމެނެ އެވެ.
އެއާއެކު ދުވަހުގެ ކަންކަން ކުރާއިރު ކުއްޖާއާ ވާހަކަދައްކައި، ކުއްޖާ ދައްކާ ވާހަކަތަކަށް ޝައުގުވެރިކަމާއެކު ޖަވާބު ދިނުމަކީ ވެސް މުހިއްމު ކަމެކެވެ.
މީގެ އިތުރުން ކުއްޖާއާ ވާހަކަދައްކާއިރު ސްކްރީނަށް ބެލުމުގެ ބަދަލުގައި ކުއްޖާއާ ހަތަރު ކަޅި ހަމަ ކޮށްގެން ވާހަކަ ދެއްކުމަކީ ވެސް ކުއްޖާގެ ބަހަވީ ހުނަރުތައް ކުރިއަރާނެ ކަމެކެވެ.
ދަރިންގެ ވާހަކަދެއްކުމުގެ ހުނަރު ރަނގަޅަށް ތަރައްގީ ވުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ޓެކްނޮލޮޖީއެއް ނޫނެވެ. އެއީ މައިންބަފައިންގެ ލޯތްބާއި، ސަމާލުކަމާއި، އަދި ދަރިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކެވެ.
ވޯޓު ދޭންވީ ކާކަށް ހެއްޔެވެ؟
ހޭންޑްބޯލް އޮފީސް އިމާރާތުގައި ރޯވެ ގެއްލުންތަކެއް