އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 6،388 މީހަކަށް ޖުމްލަ 59.1 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވެންސް ދީފައި ވަނީ 6،388 މީހަކަށެވެ. އެ މީހުންނަށް ޖުމްލަ 14،105 ބުރެއްގައި ފައިސާ ދޫކޮށްފައިވާއިރު، މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 59.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ "އިންކަމް ސަޕޯޓް އެލަވެންސް" ދިނުމުގެ އުސޫލު ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. އަދި އެ އުސޫލް މިހާރު ވަނީ، ކުރިއަށް ވުރެ ގިނަ ބަޔަކަށް އެލަވެންސް ލިބޭނެ ފަދަ ގޮތަކަށް އިސްލާހްކޮށްފަ އެވެ.

މި އެލަވަންސް ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް، ޝަރުތު ހަމަވާ ނަމަ މިހާރު އެލަވެންސް ލިބޭނެ އެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކޮކޮށް ނުވަތަ އަސަރުކޮށްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރުގައި ރަޖސްޓްރީ ކުރުމަށް އެދިފަ އެވެ.