އަރަބިއްޔާ ސްކޫލްގެ ބައެއް ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ސިވިލް ކޯޓުގެ އަމުރަށް ހައި ކޯޓުން ވެސް ތާއިދު ކޮށްފި އެވެ.
އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އެވެ.
އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސިވިލް ކޯޓުން އަމުރެއް ނެރެދިނުމަށް އެދިފައިވަނީ، މި މައްސަލަ ބަލާ ނިމެންދެން އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅައިގެން ސުކޫލަށްދާ ކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ގޮސް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ގެއްލޭނެ އެއްވެސް އަމަލެއް ނުހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާ ސުކޫލްގެ އިސްވެރިންގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
އެހެން ނަމަވެސް އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދައުވާ ހުށަހެޅި ފަރާތުން ދައުވާ ހުށަހެޅީ އަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެންދާ ކުދިންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް އެ ކުދިންނަކީ ކޮބައިކަމާއި, އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލުކުރަނީ ކޮން ގްރޭޑެއްގައިކަން ވަގުތީ އަމުރަށް އެދޭ ފޯމުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ.
އެ މައްސަލަ އަރަބިއްޔާގެ ބެލެނިވެރިން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވެސް ނިންމީ ސިވިލްކޯޓަ އެއްކޮޅަށެވެ.
ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރާ މެދު ނިންމި ގޮތް ބާތިލްކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެ އަމުރު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.
މޫނު ބުރުގާ އަޅައިގެން އަރަބިއްޔާއަށް ދާ ކުދިން ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފުވި ނަމަވެސް ތައުލީމު ހާސިލުކުރުމުގެ ހައްގުން މަހުރޫމުކޮށްފައި ނުވާކަން ވަގުތީ އަމުރަށް އެދޭ ފަރާތުން ވެސް އަދި ދައުލަތުގެ ބަހުން ވެސް އެނގޭކަން ސިވިލް ކޯޓު ހުކުމުގައި ބުނެފައިވެ އެވެ.
މި މަރުހަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އޮތް ކަމަށް ބެލެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލަ ބެލެނިވެރިންގެ ފަރާތުން ކޯޓަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ ރެހެންދި ޗެމްބާސް ލޯފާމުންނެވެ.
އަންހެނުން ނާއި ފިރިހެނުން ހަމަ ހަމަ ވީމައި ފިރިހެނުންނަށް ވެސް މޫނު ނިވާ ކުރިޔަސް ދެ ލޮލުން ފެންނަމުން ދާ ކޮންމެ ތަނެއް ބެލޭނެއެވެ މިކަމަށް ގާނޫނީ އޮނިގަނޑު ހެދިދާނެ އެވެ