ފްލޮރިޑާ (26 ޖެނުއަރީ) - ސްޕޭސް އެކްސްގެ "ފަލްކަން 9" ރޮކެޓްގައި ޖައްވަށް އެއްފަހަރާ 133 ސެޓަލައިޓް އުފުލައި ރިކޯޑް ހަދައިފި ކަމަށް އެކުންފުނިން ބުނެފި އެވެ.

ފަލްކަން 9 ރޮކެޓް އެމެރިކާގެ ފްލޮރިޑާގެ ކޭޕް ކެނޭވެރެލް އިން އުދުއްސާލާފައިވަނީ އެންމެ ފުރަތަމަ އުދުއްސާލުމަށް ތައްޔާރުކުރިތާ 24 ގަޑިއިރު ފަހުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ފަހު ވަގުތު ވަނީ މިޝަން ލަސްކޮށްފަ އެވެ.

ސްޕޭސް އެކްސްގެ ޕްރޮޑަކްޝަން ސްޕްވައިޒާ އެންޑީ ޓްރޭން ވިދާޅުވި ގޮތުގައި ފަލްކަސް 9 ރޮކެޓްގައި ޖައްވަށް ގެންގޮސްފައިވާ ސްޕޭސްކްރާފްޓްތަކަކީ ސްޕޭސް އެކްސްގެ "ރައިޑްޝެއާ" ޕްރޮގްރާމްގެ ދަށުން ކުންފުނިތަކާއި ސަރުކާރުގެ އުޅަނދުތަކެވެ. މި ޕްރޮގްރާމްގައި ގިނަ ބަޔަކު އެކުވެގެން ސްޕޭސް އެކްސްގެ މިޝަންއަށް އުޅަނދުތައް ޖައްވަށް ގެންދިއުމުގެ ދަތުރުގެ ހަރަދު ހަމަޖައްސަ އެވެ.

ފަލްކަން 9 ރޮކެޓް ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ފަހުން ރޮކެޓްގެ މެއިން ބޫސްޓާސް ރޮކެޓުން ނެއްޓި އަލުން ބޭނުންކުރުމަށް ބިމަން ދަތުރު ފަށަ އެވެ. މި ބޫސްޓާސް ވަނީ އެޓްލާންޓިކްގައި އެވަގުތު ދަތުރުކުރަމުންދިޔަ ސްޕޭސް އެކްސްގެ ޑްރޯން ޝިޕަށް ޖައްސާފަ އެވެ.

ސްޕޭސް އެކްސް އިން ދުނިޔޭގެ ހުރިހާ ހިސާބަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ސްޓާލިންކް ޕްރޮގްރާމްގެ ދަށުން ޖައްވަށް ގިނަ އަދަދެއްގެ ކުދި ސެޓެލައިޓް ފޮނުވަން ޕްލޭންކޮށްފައިވެ އެވެ. މިގޮތުން މިހާތަނަށް 800 އަށް ވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް ޖަށްވަށް ފޮނުވާފައިވެ އެވެ. – އަލް އަރަބިއާ