ނައްތާލާފައި ވަނީ ހަލާކުވެ، ގިނަ ދުވަސްވެފައިވާ ލިޔެކިޔުންތަކެއް ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފި އެވެ.

އެފްއެސްއެމް އަކީ އެސްޓިއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އެކުންފުނީގެ މުވައްޒަފަކު ވަނީ އާންމު ކޮށްފަ އެވެ. އަދި ވީޑިއޯކޮށް، އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަޒީފާ އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އެފްއެސްްއެމް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްއެއްގައި ބުނެފައި ވަނީ އިއްޔެ ނައްތާލާފައި ވަނީ ގިނަދުވަސްވެ ހަލާކުވެފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.

އެފްއެސްއިން ބުނީ އެކުންފުނީގެ މުހިންމު ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރުފެންނަ ވީޑިއޯ އެއް އާންމުކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އެވީޑިއޯއިން ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތައް ނައްތާލާ ވީޑިއޯގެ ސްކްރީން ޝޮޓް --

އެ ވީޑިއޯ އާންމު ކުރި އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހުމަދު އަނީސް ބުނީ އެ މަންޒަރުތައް އޭނާ ވީޑިއޯ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެ ލިޔެކިޔުންތައް ނައްތާލީ އޮންނަ އުސޫލާ ހިލާފަށް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ސަރުކާރު ބައެއް ކުންފުނިތަކުން ލިޔެކިޔުންތައް ނައްތަލަމުންދާތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް މިއަދު ވަނީ އެދިފަ އެވެ.