ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދަށް ސަބްމެރިންތަކާއި ޔޮޓްތަކާއި ކުރޫޒް ފަދަ އުޅަނދުތަކުން ގަވާއިދުތަކާ ޚިލާފަށް ވަންނަމުންދާތީ ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް އުޅަނދުތައް ގަވާއިދާ ޚިލާފަށް ވަންނަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ވެއްޓާއި ދިރުންތަކަށް ގެއްލުންވަމުންދާކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ނޫސްބަޔާނުގައި ވަނީ ރާއްޖޭގެ އެ ސަރަހައްދުތައް ރައްކާތެރިކޮށްފައި ވަނީ އެތަނުގެ ދިރުންތަކާއި މާހައުލު ރައްރާތެރިކަމާއެކު ދަމަހައްޓައި އަންނަން އޮތް ޖީލުތަކަށް ފޯތުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންވެ، ލޯކަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކުގެ ކިބައިން އެ އެޖެންސީން ވަނީ އެ ސަރަހައްދުތަކަށް ވަނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން އެ ނޫސްބަޔާން ނެރުނީ އުޅަނދުފަހަރު އެޅުމަށް އަޅާފައިވާ ވާތަކުގެ ސަބަބުން އޭގައި ތާށިވެ އެންމަޑި މަރުވަމުންދާކަން ފާހަނގަކޮށް، އެފަދަ ދިރުންތަކަށް ގެއްލުންނުވާނޭހެން މޫރިން ސިސްޓަމެއް ތަޢާރަފްކޮށް އެޅުމަށް މިދިޔަ ހަފްތާގައި އިލްތިމާސްނޮށްފައި ވަނިކޮށެވެ.