ހިމާޔަތްކޮށްފައިވާ ބ. ބަތަލާ ހުރާ މިދިޔަ އަހަރުގެ ތެރޭގައި ގިރައިގެން ގޮސްފައިވާ މިންވަރު ދަށްކުވައިދޭ ސެޓެލައިޓް ފޮޓޯތަކެއް އެންވަޔަމަންޓް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާއްމުކޮށްފި އެވެ.

ބަތަލާ ހުރާ 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާކަން އެ ސެޓްލައިޓް ފޮޓޯތަކުން އެނގެ އެވެ. މި ރަށަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ޖޫން 2011ން ފެށިގެން ހިމާޔަތްކޮށްފައިވާ ރަށެވެ.

އީޕީއޭ އިން ކުރި ޓުވީޓެއްގައިވާ ގޮތުން އެ ސަރަހައްދު ގިރުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ރަނގަޅަށް ދިރާސާނުކޮށް އަދި ހުއްދައާއި ނުލައި އެސަރައްދަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުންނެވެ. އަދި މިހާރު އެ އެޖެންސީން ދަނީ އެ ސަރަހައްދަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް، އެކަމާ ބެހޭ މައުލޫމާތު އެއްކުރަމުން ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

އެ އެޖެންސީން އާއްމުކުރި ފޮޓޯތަކުގައި 1999 ވަނަ އަހަރު އެ ރަށުގައި ދޮންވެލި ތުނޑިއެއް ވެސް އޮތެވެ. އަދި ގިނަ އަދަދަކަށް ގަސްތައް ހެދިފައި ހުއްޓެވެ. ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން އެ ރަށް ވަނީ ވަރަށް ބޮޑަށް ގިރައި ގަސްތައް ވެސް ނެތިގެން ގޮސްފަ އެވެ. އަދި މިދިޔަ އަހަރުގެ ފޮޓޯއިން ފެންނަނީ އެ ރަށް ވަރަށް ބޮޑަށް ގިރާލައި ކުޑަ ދޮންވެލި ފިނޮޅަކަށް ބަދަލުވެފައިވަނިކޮށެވެ.

އީޕީއޭގެ މިޓުވީޓާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އެ އެޖެންސީއަށް އަމާޒުވެފަ އެވެ.

އެހާ ގިނަދުވަސްވީ ތިމާވެށީގެ މައްސަލައެއް އެންވަޔަމަންޓް ޕޮރޮޓެކްޝަން އެޖެންސީގެ ސަމާލުކަމަށް އައީ އަދި ކިރިޔާތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލުކޮށްފަ އެވެ. އަދި އެ އެޖެންސީގެ އިހުމާލު މިކަމުގައި އޮތުމުން އީޕީއޭ ޖޫރިމަނާކުރަން ޖެހޭނެ ކަމަށް ވެސް ބައެއް ފަރާތްކުން ބުނެފައިވެ އެވެ.