ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާ ވެސް ހަލުވިވެ، އޭޑީކޭ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނާގޮތުން ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ މިންވަރު އިތުރުވުމާއި އަދި އެ ހޮސްޕިޓަލުގެ މުއައްޒަފުންތަކެއް ކަރަންޓީން ކުރަން ޖެހުމުން މިއަދުން ފެށިގެން ހޮސްޕިޓަލް ދެމުން އަންނަ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަނެއް ކުރިއަށް ގެންސިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އިލެކްޓިވް ސާޖަރީތައް މިވަގުތައް މެދުކަނޑާލުމާއި ހޮސްޕިޓަލުގައި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދިނުން ވެސް ވަނީ މިވަގުތަށް މެދުކަނޑާލެވިފަ އެވެ. މީގެ އިތުރުން އެޑްމިޓްކޮފައި މިހާރުތިބި ބަލި މީހުންނަށް ޒިޔާރަތްކުރުން ވެސް ވަނީ ހުއްޓުމަށް ގެންނަން ނިންމާފަ އެވެ..

"އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް ހޮސްޕިޓަލުންދޭ އިމަޖެންސީގެ ހިދުމަތްތަކާއި އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކުގެ އިތުރުން ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށް ދާނެ،" އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮވިޑް ފެތުރުން މަދުކުރުމަށް ކޮންމެހެން ހޮސްޕިޓަލަކަށް ދާން ނުޖެހެނީސް ނުދިޔުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ދާން ޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނައިން ނުގެންދިޔުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ. މީގެ އިތުރުން ހޮސްޕިޓަލް ތެރޭގައި އުޅޭއިރު މާސް އަޅައި، އަތް ސެނެޓައިޒްކުރަން އިލްތިމާސްކުރެ އެވެ.

މިދިޔަ ހަފްތާގައި އޭޑީކޭ ހޮސްޕިޓަލުގެ އެޗްޑީޔޫގައި ފަރުވާ ދިނުމަށްފަހު ދޫކުރި ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ ފަހުން ހޮސްޕިޓަލުގެ ޑޮކްޓަރަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް ފެތުރުން އިތުރުވެ، ދުވާލެއްގެ މައްޗަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ޖެހިޖެހިގެން 100 އަށްވުރެ މަތީގައި ހުންނަތާ ހަ ދުވަސް ވެއްޖެ އެވެ