މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑްރޭސް މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 12 ޖަމިއްޔާއަކަށް ޖުމްލަ 635,000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސްވެސް ޚާއްސަކުރެވިފައިވަނީ ކުޑަކުދިންގެ ރައްކާތެރި ކަމަށެވެ. އެގޮތުން މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑް ރެއިޒް ކުރުމުގެ ފުރުސަތު ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ވަނީ އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށާއި އަނިޔާއިން ކުޑަކުދިން ހިމާޔަތްކުރުމުގެ އިތުރުން ކުދިންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ 12 ޖަމިއްޔާއަކާ އެކު ޕާޓްނާޝިޕެއް ހަދައިފަ އެވެ.

އެގޮތުން ކޮންމެ ދުވުންތެރިއެއް ވެސް ރޭހަށް ރަޖިސްޓްރީ ކުރިއިރު، އިހްތިޔާރު ކުރާ އެންޖީއޯއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ. މިގޮތުން ބައިވެރިންގެ ފަރާތުން އެންމެ ގިނައިން ނޮމިނޭޓް ކުރެވުނު ފަސް އެންޖީއޯއަކަށް ބެހިގެންދާގޮތަށް ދިރާގުން ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ހަދިޔާ ކުރެވިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާއިން ޖުމްލަ 435،000 ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނަރ އެންޖީއޯތަކަށް ބެހިގެންދާގޮތަށް ހަދިޔާކޮށްފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެކުންފުނީގެ އުއްމީދަކީ މި އެހީގެ ސަބަބުން އެ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ފެށުމަށް މަގުފަހިވެގެންދިއުމެވެ. އަދި ޚާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެ ޖަމިއްޔާތަކުގެ ޕްލޭންތައް ފެށުމަށް ހިތްވަރު ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު 5 އެން.ޖީ.އޯއަކީ:އަރކް - އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަންމޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންޓައިނީ ހާޓްސް އޮފް މޯލްޑިވްސްމޯލްޑިވްސް ތެލެސީމިއާ ސޮސައިޓީދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެންޑޯސްކޮށްފައިވާ އިތުރު އެން..ޖީ.އޯތަކަކީ:ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް)ކެއަރ ސޮސައިޓީމޮމްސް އެއިޑްސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (އެމް.އޭ.ޕީ.ޑީ)

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 25 އޮކްޓޫބަރުގައި ބާއްވާނެކަމަށް ވެސް އިއުލާނުކޮށްފައެވެ.