މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ކުށްތަކަށް އިސްރާއީލުން ޒިންމާ ވާން ޖެހޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ބޭއްވި، ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ސައުދީގެ ވަލީ އަހުލު ވިދާޅުވީ އދ. ގެ ސެކިއުރިޓީ ކައުންސިލާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ފެއިލްވުމާ ހުރެ، އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އިސްރާޢީލުގެ އަމަލުތައް ހުރީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ ވަލީ އަހުދު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާ ވެސް ބޮޑެވެ. އެހެންވެ، ހުރިހާ ލީޑަރުން މިކަމުގައި ތެދުވެވަޑައިގެން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައި ސައުދީ ވަލީ އަހުދު ވިދާޅުވި އެވެ.

މުހައްމަދު ބިން ސަލްމާންގެ ވާހަކައިގައި އިސްރާއީލުން ހިންގަމުން ގެންދާ އުދުވާން ވަގުތުން ވަގުތަށް ހުއްޓާލައި، ޣައްޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދޮރުތައް ހުޅުވާލައި، އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމަށް ގޮވާލައްވައިފަ އެވެ.

"އަހަރުމެންގެ ލޮބުވެތި ފަލަސްތީނުގެ އަހުންނާއި އުހްތުންނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ހަތިޔާރެއް ނެތް އެތައް ހާސް އާންމު ރައްޔިތުންގެ ފުރާނަ ވަނީ ގޮސްފައި. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ،" ސައުދީ ވަލީ އަހުދު ވިދާޅުވި އެވެ.

މި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި ތުރުކިޔޭގެ ރައީސް ތޮއްޔިބް އުރުދުޣާން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް މަންސޫރް ބިން ޒައިދް އަލް-ނަހްޔާން އާއި ލުބުނާންގެ ބޮޑުވަޒީރު ނަޖީބް އަޒްމީ މިކަތީ އާއި އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ ހިމެނިވަޑައިގަންނަވަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޣައްޒާގެ 11،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މި ހަމަލާތަކުގައި 27،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވެ އެވެ.