މި އަހަރުގެ ބާކީ ހަރަދުތައް ކުރުމަށް ސަރުކާރުން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 42.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 6.5 ބިލިއަން ރުފިޔާއާ އެކު މިއަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ފާސް ކުރީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބަޖެޓަށް އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްއެންޕީގެ މެމްބަރުން ވޯޓު ދެއްވި އިރު، ވޯޓު ނުދެއްވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި އާސަންދައިގެ ހަރަދުތައް ކުރުމަށް 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މިއަހަރު ތެޔޮ ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާއަކީ ލޯނުން ހިންގާ މަޝްރޫއުތަކަށް ދޭ ފައިސާ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު ހޭދައެއް ކުރަނީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށެވެ. އެ މަޝްރޫއު އަށް 344 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ހދ. ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައެޅި އިރު 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ، ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ އާއި މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ހިމަނައިފައިވެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ އެދުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަކާތްތަކަށް ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.