ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ ބާރުމިނަށް މަޑުޖެހުމެއް ނުގެނެވިއްޖެނަމަ ސިއްހީ ހިދުމަތްދޭ ތަންނަނަށް ނުކަތާވަަރުވެދާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްފީއޭ އިން މިހެން ބުނީ ފާއިތުވެެ ދިޔަ ހަފްތާއެެއްހާ ދުވަހު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އަށްވުރެ މަތީގައި އުޅެނިކޮށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި "މިގޮތައް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާ ވަރު ވެދާނެ،" އެވެ. އަދި އެފަދަ ހާލަތެއްގައި ކޮވިޑް އަދި އެހެނިހެން ބަލިތަކަށް ވެސް ފަރުވާ ދިނުމަށް ބުރޫ އަރާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ހަލުވިވެ އިއްޔެ ވަނީ އައިޖީއެމްއެޗްގެ އޯޕީޑީތަކުން ހިދުމަތްދޭ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. މިގޮތުން އޮޕީޑީގެ ހިދުމަތް ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ދޭން ހަމަޖެހިފައިވާއިރު ބަލި މީހުން ބަލަން ހަމަޖެހިފައިވަނީ އޯޕީޑީގެ ވެއިޓިން އޭރިއާގައި އެއްފަހަރާ މީހުން ގިނަނުވާނެހެން އެޕޮއިންޓްމެންޓްތައް އެކި ގަޑިތަކަށް ބަހާލައިގެންނެވެ.

މީގެ އިތުރުން އޭޑީކޭ އިން ވެސް ވަނީ ހިދުމަތްދޭ ގޮތަށް ދާދިފަހުން ބަދަލު ގެނެސްފަ އެވެ. މިގޮތުން އޯޕީޑީގެ ހިދުމަތް މުޅިން އޮންލައިންކޮށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހޮސްޕޮޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިނުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 105 ގައި ހުރިއިރު އުމުރުން 88 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 52 ވަނަ މީހާ އެވެ.