އަރަބިއްޔާ ސްކޫލް ކުރީގެ ކުނިކޮށި ހުރި ބިމުގައި އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އަރަބިއްޔާ ސްކޫލް އެޅުމަށް ނިންމާފައި ވަނީ ކުރީގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށީގައި ކަމަށެވެ. އަދި "ހަފްތާ 14" ގައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާ އެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް އަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށުމަކީ ވެސް އެމަނިކުފާނު ވައުދުވެޑައިގެންފައިވާ ކަމެކެވެ.

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތި އުނދަގޫތައް ތަހައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.