ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތުގައި އެކި ކަންކޮޅުތަކުގެ ސައިންޓިސްޓުންނާއި ފާމަސޫޓިކަލް ކުންފިނިތުކުން މެދުކެނޑުމެއް ނެތި މަސައްކަތްކުރާތާ އެތައް މަހެއް ވެއްޖެ އެވެ. މިގޮތުން މިއަދާ ހަމައަށް އައިއިރު 170 ވެކްސިނެއް ޓްރަޔަލް މަރުހަލާގައި އެބަ އުޅެ އެވެ.
މި ވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނެކާ، ފައިޒާ، މޮޑާނާ، ބަޔޯއެންޓެކް، އަދި ސައިނޯފާމް ވެކްސިންގެ ޓްރަޔަލް މަރުހަލާ ނިމި ބޭނުންކުރަން ހުއްދަ ދީފައިވާއިރު، ކުރިމަތިވެފައިވާ ގޮންޖެހުމަކީ ވެކްސިންގެ ޑިމާންޑާ އެއްވަރަށް ވެކްސިން އުފެއްދުމެވެ. ސަބަބަކީ މުޅި ދުނިޔެއަށް ވެސް މި ވެކްސިންގެ ބޭނުންޖެހި، ވެކްސިންގެ ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވުމެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކަށް މިހާރު ވަނީ ވެކްސިން ލިބުމުގެ ދަތިކަމާ ކުރިމަތިލާންޖެހިފަ އެވެ. ވެކްސިން ލިބުމަށް ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ވެކްސިން ދިނުމަށް ވަނީ ގިނަ ގައުމުތަކަކުން ނުކުޅެދިފަ އެވެ.
ފައިޒާ ކޮވިޑް ވެކްސިން
ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިނަށް ބަލާއިރު، ޖެނުއަރީ މަހު މެދު ތެރޭގައި ފައިޒާއިން ވަނީ ވެކްސިން ފޯރުކޮށްދިނުން ވަގުތީގޮތުން މަދުކުރުމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ.
މި ނިންމުމަކީ ބެލްޖިއަމްގައި ހުންނަ ފައިޒާގެ ވެކްސިން އުފައްދާ ޕްލާންޓް އަޕްގްރޭޑް ކުރުމަށް ނިންމި ނިންމުމަކަށް ވީއިރު އޭގެ ސަބަބުން އެތައް ގައުމަށް ވެކްސިން ލިބުމުގެ ދަތިކަމާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ވެކްސިން ލިބުމުގެ ދަތިކަމާ ކުރިމަތިވުމުން މިދިޔަ ހަފްތާގައި ދުބާއީ އިން ވަނީ އެ މީހުންގެ ފައިޒާ- ބަޔޯއެންޓެކް ވެކްސިނޭޝަން ކެމްޕެއިން ފަސްކޮށް، ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ލަސްލޮށްފަ އެވެ. ދުބާއީގެ އިތުރުން ސައުދީއަރަބިއާ އަދި އިޓަލީން ވެސް ވަނީ ވެންސިން ލިބުން ދަތިވުމުން އެ މީހުންގެ ވެކްސިނޭޝަން ކެމްޕެއިން ލަސްކޮށްފަ އެވެ.
ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ޔޫރަޕާއި އިނގިރޭސިވިލާތުގެ އޮފިޝަލުން ވެސް ވަނީ ބުނެފަ އެވެ. އެއާ ހިލާފަށް ފްރަންސާއި ޖާމަނީ އަދި ސުވިޒަލޭންޑްގެ ސިއްހީ ހިނުމަތްތެރިން ބުނާގޮތުން އެ ގައުމުތަކުގައި ފުދޭ މިންވަރަކަށް ވެކްސިން އެބަހުއްޓެވެ.
ވެކްސިން ލިބުމުގެ ދަތިކަމުގެ ސަބަބުން ޑެންމާކް، ސްވިޑެން، ފިންލޭންޑް، ލިތުއޭނިއާ، ލެޓްވިއާ އަދި އެތޯނިއާ އިން ވަނީ ދެފުށް ފެންނަގޮތުގައި އަވަހަށް ވެކްސިން ފޯރުކޮށްދިނުމަށް ފައިޒާ- ބަޔޯއެންޓެކަށް ޕްރެޝަރު ކޮށްދިނުމަށް އެދި ޔޫރަޕިއަން ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީއަށް ސިޓީ ހުށަހަޅާފަ އެވެ.
ހަ ގައުމުގެ ހެލްތު މިނިސްޓަރުން ސޮއިކޮށް ފޮނުވި މިސިޓީގައި ވަނީ ފައިޒާ- ބަޔޯއެންޓެކް އިން ފޯރުކޮށްދިނުމަށް އެސްބަސްވެފައިވާ މިންވަރަށް ވުރެ ވެކްސިން ފޯރުކޮށްދެވޭ މިންވަރު ކުރިއަށް އޮތް ދުވަސްތަކުގައި މަދުވެގެންދާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިން ވެސް ވަނީ ޑިމާންޑާ އެއްވަރަށް ވެކްސިން ނުލިބޭކަމުގެ ޝަކުވާކޮށްފަ އެވެ. ވެކްސިން ލިބުމުގައި ހުރި ދަތިތަކާ ބެހޭ ގޮތުން މީހުންގެ ޝަކުވާ ގިނަވެފައިވާ މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސްޓޭޓްތަކަށް ކުރިއަށް އޮތް ތިން ހަފްތާގައި ވެކްސިން ފޯރުކޮށްދީ، ތިން މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާނެ ކަމަށެވެ. ވެކްސިން ލިބުން ދަތިވެ، އެމެރިކާގައި އެތައް ހާސް މީހުންގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖުހުމުގެ އެޕޮންޓްމެންޓް ވަނީ ކެންސަލް ކުރަންޖެހިފަ އެވެ.
ކެނެޑާއިން ވަނީ ވެކްސިން ލިބުމަށް ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުން މިހަފްތާގައި އެއްވެސް ވަރަކަށް ވެކްސިން އެ ގައުމަށް ނުލިބޭނެކަން އިއުލާންކޮށްފަ އެވެ. މީގެ ސަބަބުން ވެކްސިން ދިނުން ލަސްކުރަން ޕްރޮވިންސްތަކަށް ޖެހިފައިވާއިރު ކުރިއަށް އޮތް މަސް ތެރޭގައި އެގައުމަށް ލިބެން ހަމަޖެހިފައިވާ ޑޯޒްގެ ތެރެއިން 400،000 ޑޯޒް ލިބުން ލަސްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
އެސްޓްރަޒެނެކާ
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކާއި، އިނގިރޭސިވިލާތާއި، އާޖެންޓީނާ، އިންޑިއާ އަދި މެކްސިކޯ ފަދަ ގައުމުތަކުން އެޕްރޫވް ކޮށްފައިވާ އެސްޓްރާޒެނެކާ ވެކްސިން ލިބުން ވެސް މިހާރު ވަނީ ނުހަނު ދަތިވެފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓްރަޒެނެކާ އިން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ވެކްސިން ޑޯޒްގެ ތެރެން ފޯރުކޮށްދެވޭނީ އެއްބައި ކަމަށް ބުނުމުން އެސްޓްރަޒެނެކާއަށް އީޔޫގެ ހިތްހަމަނުޖެހުމާ މިހާރު ވަނީ ކުރިމަތިވެފަ އެވެ. ޔޫރަޕުން ވަނީ 400 މިލިއަން ޑޯޒް އެސްޓްރަޒެނެއާ އަތުން ގަތުމަށް މިދިޔަ އަހަރު ނިންމާފަ އެވެ.
އެސްޓްރަޒެނެކާއަށް ވެކްސިން އުފެއްދުމުގައި ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން އެ މީހުން ކުށްވެރިކުރަނީ އީޔޫ އެވެ. އެހެން ނަމަވެސް އީޔޫ އިން ބުނަނީ އެހެން ގައުމުތަކުގައި އުފައްދާ އެސްޓްރަޒެނެކާ ވެކްސިނުން ވެސް ގައުމުތަކަށް މަދު ނުވާވަރަށް ފޯރުކޮށް ދެވޭނެ ކަމަށެވެ.
ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުން ލަސްވުމުގެ ސަބަބުން އީޔޫ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ބޭނުންވާ ވަރަށް ވެކްސިން އުފައްދާ، ފޯރުކޮށްދިނުމުގައި ދިމާވެފައިމިވާ ދަތިކަމުގެ ސަބަބުން، އެގައުމުގެ މީހުންނަށް ވެކްސިން ދިނުމަށްޓަކައި ބައެއް ގައުމުތަކުން ވަނީ ވެކްސިން އެކްސްޕޯޓްކުރުން މަނާ ކޮށްފަ އެވެ. މިގޮތުން ޖެނުއަރީ މަހުގެ ކުރީކޮޅު އިންޑިއާ އިންވެސް ވަނީ އެސްޓްރަޒެންކާ ވެކްސިން އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. އިންޑިއާގެ ސިރަމް އިންޓިޓިއުޓުން އުފައްދާ އޮކްސްފޯޑް އެސްޓްރަޒެނެކާ ވެކްސިން ކުރިއަރަމުންދާ ގައުމުތަކަށް ފޯރުކޮށްދިނުމަށް އެއް ބިލިއަން ޑޯޒް އުފެއްދުމަށް ވަނީ ކޮންޓްރެކްޓް ހެދިފަ އެވެ.
ސައިނޯވެކް
އޭޝިއާގެ ގިނަ ގައުމުތަކަކުން އެޕްރޫވް ކޮށްފައިވާ ސައިނޯވެކް ވެކްސިން ފޯރުކޮށް ދިނުމުގައި ވެސް މިވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިގޮތުން ސިންގަޕޫރާއި، މެލޭޝިއާ، ފިލިޕީންސް، އިންޑޮނީޝިއާ، ބަހްރެއިން، އަދި ބްރެޒިލްއިން އެޕްރޫވްކޮށްފައިވާ މިވެކްސިންގެ 50 މިލިއަން ޑޯޒަށް ތުރުކީން އޯޑާކޮށްފައި ވީއިރު މި ހަފްތާގައި ލިބިފައިވަނީ 6.5 މިލިއަން ޑޯޒެވެ.
ސައިނޯވެކް ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށް ބްރެޒިލް އިން ވެސް ބުނެ އެވެ.
ސައޯ ޕައުލޯ އިން 46 މިލިއަން ޑޯޒްގެ ވެކްސިނަށް އޯޑަރު ކޮށްފައިވާއިރު ރެގިއުލޭޓަރުންގެ އެޕްރޫވަލްއާއެކު ލިބިފައިވަނީ ހަ މިލިއަން ޑޯޒެވެ. މި ޝިޕްމެންޓް މިހާރު ހުސްވުމާ ކައިރިވެފައިވާއިރު، އިތުރަށް ވެކްސިން ހެދުމަށް ބޭނުންވާ ސާމާނުގެ ޝިޕްމެންޓް އަދި ބެއިޖިންގް އިން އެޕްރޫވް ކޮށްފައެއް ނުވެ އެވެ.
ސްޕަޓްނިކް ވީ
އެހެން ވެކްސިންތަކާ ހިލާފަށް ރަޝިއާ އިންދަނީ އެ މީހުން މި ވެކްސިން، ވެކްސިން ލިބުން ދަތިވެފައިވާ ގައުމުތަކަށް ފޯރުކޮށްދެމުންނެވެ. މިގޮތުން މިހަފްތާގައި ރަޝިއާއިން ވަނީ އެ މީހުންގެ ވެކްސިން އީޔޫއަށް ފޯރުކޮށްދޭން ހުށަހަޅާފަ އެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ރަޝިއާއިން އީޔޫއަށް 100 މިލިއަން ޑޯޒް ފޯރިކޮށްދެވޭނެ ކަމަށް ރަޝިއާއިން ބުނެ އެވެ.
މިޑޯޒްތަކުން 50 މިލިއަން މީހުންނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވޭނެ އެވެ.
ރަޝިއާގަައި މިހާރު ގާތްގަނޑަކަށް 1.5 މިލިއަން މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްޕަޓްނިކް ވީ ވެކްސިން އީޔޫގައި ބޭނުންކުރެވޭނީ ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) އިން ވެކްސިން އެޕްރޫވް ކުރުމުންނެވެ. -- ނޫސް އެޖެންސީތައް