ރަންބީރު ކަޕޫރަކީ އޭނާގެ ކެރިއަރުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ. އޭގެ ތެރެއން ވެސް "ޔޭ ޖަވާނީ ހޭ ދިވާނީ"އަކީ ފާހަގަ ކޮށްލެވޭ ފިލްމެކެވެ.

އެ ފިލްމުގެ ލަވަތަކަކީ މިއަދުވެސް އާއްމުންގެ މެދުގައި މަގުބޫލު ލަވަތަކެކެވެ. އަދި އެ ފިލްމުގެ ތަރިން ދާ އިވެންޓުތަކުގައި އާއްމުކޮށް ބޭނުން ކުރެވޭ ވެސް ލަވަތަކެކެވެ.

އެގޮތުން އެ ފިލްމުގެ މަޝްހޫރު ލަވައެއް ކަމަށްވާ "ބައްތަމީޒް ދިލް" އޭނާ ދާ އިވެންޓުތަކުގައި ނުޖެހުމަށް ރަންބީރު މިހާރު މިވަނީ އެދިފަ އެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމު އެނިމަލްގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަމުން ރަންބީރު ބުނީ އެ ލަވައަކީ 2013 ވަނަ އަހަރު ނުކުތް ލަވައެއް ކަމަށާއި މިއަދާ ހަމައަށް ވެސް އެއީ އޭނާގެ "ފަހަތުން ނުނެއްޓުނު" ލަވައެއް ކަމަށެވެ.

"އަހަންނަށް މިހާރު 41 އަހަރު ވެއްޖެ. ބުރަކަށީގައި ރިއްސާވަރުން މިހާރު މިކަމެއް ނުވާނެ" އެ ލަވައަށް ނަށަން ގިނަ ބަޔަކު އެދޭކަން ފާހަގަ ކުރަމުން ރަންބީރު ބުންޏެވެ.

"ބައްތަމީޒް ދިލް"އަކީ ފާސްޓް ޓްރެކްއަކަށް ހަދާފައިވާ ޑާންސް ނަމްބަރެކެވެ. އެ ލަވައިގައި ރަންބީރުގެ އިތުރުން ދީޕިކާ ޕަދުކޯންއާއި ކަލްކީ ކޮޗްލިން ފެނިގެންދެ އެވެ.