އަފްޣާނިސްތާނާއި ތާލިބާނުންނާއި ދެމެދުގައި މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި އިންސާނިއްޔަތަށްޓަކައި ހަނގުރާމަ ހުއްޓާލަން އަފްޣާނިސްތާނުން ސަރުކާރުން އެދިއްޖެ އެވެ.

ގަތަރުގައި ކުރިއަށްދާ މި މަޝްވަރާ ބައްދަލުވުންތަގައި އަފްޣާނިސްތާނު ސަރުކާރުގެ ވަފުދުގައި އިސްކޮށް ހުންނެވި އަބްދުﷲ އަބްދުﷲ ވިދާޅުވިގޮތުގައި "ހަނގުރާމައިގައި އެއްވެސް ބަޔަކު މޮޅުނުވާނެ" އެވެ.

ތާލިބާނުން މިހާތަނަށް ހަނގުރާމަ ހުއްޓާލާނެ ކަމުގެ އިޝާރާތެއް ކޮށްފައި ނުވި ނަމަވެސް، އަފްގާނިސްތަނުގައި އިސްލާމީ ޝަރީއާ ގާއިމުކުރުމަށް ގޮވާލާފައިވެ އެވެ.

އެމެރިކާއިން ވަނީ އަފްޣާނިސްތާނާއި ތާލިބާނުން އެއްބަސްވުމަކާ ހަމައަށް އައުމަށް ގޮވާލާފަ އެވެ. އަދި "މުޅި ދުނިޔެއިން ވެސް ބޭނުމީ މި ސުލްހައިގެ މަޝްވަރާތައް ކާމިޔާބުވާތަން ބަލަން" ކަމަށް ބުނެފަ އެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަ ކުރިއަށްދާތާ 40 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި ހަނގުރާމާގައި އެތައް ހާސް މީހުން ވަނީ މަރުވެފަ އެވެ.

އަފްގާނިސްތާނާއި ތާލިބާނާއި ދެމެދު ތާރީހީ އަދި މިފަދަ އެންމެ ފުރަތަމަ ސުލްހައިގެ މަޝްވަރާތައް ފެށުނީ ހޮނިހިރު ދުވަހުގަ އެވެ. އަދި މިއީ އަލްގައިދާ އިން އެމެރިކާގެ ނިއުޔޯކަށް ދިން 9/11 ހަމަލާއަށް 19 އަހަރު ފުރުނު ދުވަހާ ޖެހިގެން އައި ދުވަހެވެ. އެމެރިކާއިން އަފްގާނިސްތާނުގައި މިލިޓަރީ އޮޕަރޭޝަންތައް ހިންގަން ފެށީ މި ހަމަލާއަށް ފަހުގަ އެވެ.

އަދި އަފްގާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެމެރިކާގެ ތާރީހުގައި އެންމެ ދިގުލައިގެން ދިޔަ ހަމަނުޖެހުންތަކެވެ.

މިއީ ތާލިބާނާއި އަފްގާނިސްތާނުގެ ސަރުކާރާއި ސީދާ ބައްދަލުވެ މަޝްވަރާކުރެވިގެންދާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ސަރުކާރަކީ "ބާރެއް ނެތް" އަދި އެމެރިކާގެ "ޕަޕެޓް" ތަކެއް ކަމަށް ބުނެ، ބައްދަލުކުރުމަށް ދެކޮޅު ހަދާފަ އެވެ.

އަފްގާނިްތާނުގައި މިހާރުވެސް ހަނގުރާމަ ކުރިއަށް އެބަދެ އެވެ. އެގޮތުން މިއަހަރުގެ ފެބަރުއަރީ މަހުން ފެށިގެން މިހާތަނަށް 12،000 މީހުން މަރުވެފައިވަ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކުރެ އެވެ. -ބީބީސީ