ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ ހަތަރު އިންސައްތާގައި ކަން ފާހަގަކުރައްވައި، ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ މަދުވެގެން 600 މިލިއަން ޑޮލަރު މިކަމަށް ހޯދުން ކަމުގައި ވިދާޅުވެފަ އެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.
ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ގައުމީ ބަޔާން އިއްވަވަމުންނެވެ.
ދުނިޔޭގެ ގައުމުތަކުގެ ވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައި ވިދާޅުވެފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެ މަސައްކަތް ބިނާވާންޖެހޭނީ ގައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްވާން ޖެހޭ ކަމަށާއި، ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖައާކުރަން ޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރަން ފެށުމަށް، އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ތި ހަކަތަ ލިބިއްޖެ ކަމަށް މަލިހު އަންގަނީ އަދުރޭގެ އާއިލާގެ 33 މީހުންނަށް ވަޒީފާ ދީގެން....